މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުން އެރަށުގައި ތަރައްޤީކޮށް އިއްޔެ ހުޅުވި ޝަހީދު ކޯޕްރަލް ހުސައިން އާދަމް ހަނދާނީ ބިނާ ޚާއްޞަކުރެވިފައިވަނީ އެބޭފުޅަކަށްޓަކައި ކުޅުދުއްފުއްޓާއި، ބޮޑުތިލަދުންމަތި އަދި ޖުމްލަކޮށް މުޅި ޤައުމުވެސް ފަޚުރުވެރިވާ ޝަހީދު ހުސައިން އާދަމަށެވެ. މި ބިނާއަކީ ފިސާރި ރަނގަޅަށް އެ ޒިކުރާ އައު ކުރެވިގެންދާނެފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ފުރިހަމަ ބިނާއެކެވެ.
އެންމެ ފުރަތަމަ މި ބިނާ ތަރައްޤީ ކޮށްފައިވާ ސަރަހައްދަށް ބަލައިލަމާ ހެއްޔެވެ؟ ކުޅުދުއްފުއްޓަކީ އެރަށަކަށް ކޮންމެ ދުވަހަކުވެސް އެތައްހާސް ބަޔަކު އަރާ ފައިބާ އުތުރުގެ ހިތެވެ. ގިނަބަޔަކަށް އެންމެ ފަސޭހައިން ފެންނާނީ ބަނދަރު ސަރަހައްދުގައި މި ބިނާ ހެދުމުންކަމަށްވީ ނަމަވެސް، މި ބިނާ ހަދާފައިވަނީ ކުޅުދުއްފުށީގެ ކުރީގެ ބަނދަރު ނުވަތަ ކުރީގެ ގޮނޑުދޮށަށްވާ ހިސާބުގައެވެ. މިކަމަށް އިޝާރާތް ކުރައްވާ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރ ރިޟްވާން މުޙައްމަދު އިއްޔެގެ ރަސްމިއްޔާތުގައި ވިދާޅުވީ، އެ ބިނާ ހަދާފައިވާ ސަރަހައްދަކީ، ސިފައިންގެ ޚިދުމަތާ ގުޅުމަށްޓަކައި ރަށުން ފުރުމަށް އެންމެފަހުން ޝަހީދު ހުސައިން ފައިންޕުޅު ބީއްސާލިތަންކަމަށެވެ. އެ ދިމާއަކީ އޭރު ސިފައިންގެ ޚިދުމަތަށް ކުޅުދުއްފުށިން ހޮވުނު 8 ބޭފުޅުން ކޯސްޓްގާޑު 7 ގައި ރަށުން ފުރާވަޑައިގެންނެވި ދިމާކަމަށެވެ.
ޝަހީދު ހުސައިން އާދަމް ބިނާގައި ބެހެއްޓިފައިވަނީ ޝަހީދު ހުސައިން އާދަމް ދުޝްމަނުންނާ ކުރިމަތިލުމަށް ގެންގުޅުއްވި AK47 ބަޑީގެ ސިފައަށް ހަދާފައިވާ ބޮޑު ބަޑިއަކާއި ބަޑީގެ ދެފަރާތުގައިވާ ފާރުކޮޅެވެ. މި ފާރުކޮޅު ހަދާފައިވަނީ ސިފައިންގޭގެ ފާރައަށް ސިފައިން ތިބުމަށްހަދާފައި ހުންނަ ގޭޓުކޮޅުގެ ދެފަރާތުގައި ހުރި ފާރުތައް ހުރިގޮތަށެވެ. އަދި އެ ފާރުތަކުގައި ދުޝްމަނުން ދިން ބަޑީގެ ހަމަލާތަކުގައި ވަޒަން އަރާފައިވާ ގޮތަށް ފަރުމާކުރެވިފައެވެ. އެގޮތުން އެދުވަހު ޝަހީދު ހުސައިން އާދަމް ހުންނެވި ގޮޅީގެ ދެފަރާތުގައިވާ ފާރުތަކަށް ވަޒަން އަރާފައި ހުރި ތަންތަން އެގޮތުގައި މިބިނާގައި ހިމެނިފައިވެއެވެ.
ބިނާ ހިމެނޭ ސަރަހައްދު ފަރުމާކުރެވިފައިވަނީ ވަށްބުރަކަށް ވާގޮތަށެވެ. މަތިން ބަލައިލުމުން އައްޑަނައެއް ސިފަކުރެވޭ ގޮތަށެވެ. އެކަމުން ރަމްޒުކޮށްދެނީ ދުޝްމަނުންގެ ހަމަލާއެއް ކޮންމެ ވަގުތަކު ދިމާކޮށްލިޔަސް ދިފާޢުގައި ސިފައިން ނުކުންނާނެކަމެވެ. އެފަދަ ކޮންމެ ޙާލަތެއްގައި ދިވެހިން ބަދަހިކަމާއެކު ތިބޭނެކަމެވެ. އަދި ޚާއްޞަކޮށް ނޮވެމްބަރ 3 ގައި ޝަހީދު ކޯޕްރަލް ހުސައިން އާދަމް އެ ޒުވާންކަމުގައި މޭ އައްޑަނައަކަށް ހައްދަވައިގެން ދިވެހި ޤައުމާއި ވަޠަންގެ ދިފާޢުގައިވީ ޤުރުބާނީއެވެ. އެ ހިތްވަރެވެ.

ބިނާގެ ވަށައިގެން 4 ސަރަހައްދެއްގައި ޖުމްލަ 8 ބޯޅަ ބެހެއްޓިފައިވެއެވެ. އެ 8 ބޯޅަ ރަމްޒުކޮށްދެނީ 3 ނޮވެމްބަރ ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ. އަދި އާންމުންގެ ތެރެއިން އެދުވަހު ޝަހީދުވި 11 މީހަކު ރަމްޒުވާ ގޮތަށް ބިނާގައި ހިމެނޭ ފާރުކޮޅު ސިފަކުރެވޭ ގޮތަށްވަނީ ފަރުމާކޮށްފައެވެ.
ބިނާގައި ބޭނުންކުރެވިފައިވަނީ ޤައުމީ ކުލަތަކެވެ. ފެއްސާއި، ރަތާއި ހުދެވެ. އެގޮތުން ބުރުތަކުގައި ކުލަތައް ލާފައިވާއިރު، އިތުރަށް ފެހިގަސްތަކާއި، އިތުރު މާގަސްތައް ހައްދާއިރު ވިސްނާނީ އެ ތިންކުލައަށް ބަލައިގެންކަމަށްވެސް ކައުންސިލް މެމްބަރ ރިޟްވާން މުޙައްމަދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ބިނާގެ އެތެރޭގައިވާ ރަތްބުރުން ރަމްޒުކޮށްދެނީ އެދުވަހު ޤައުމުގެ ދިފާއުގައި އޮހޮރުނު ލެއެވެ. އެ ދުވަހު 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކަށް އެތައް އަނިޔާއެއްވެގެންދިޔަކަމުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.
ޖުމްލަކޮށް ބަލާއިރު، މުޅި ބިނާއަކީ އަންނަން އޮތް ޖީލުތަކަށް ނޮވެމްބަރ 3 ގެ ހާދިޘާއާއި އެދުވަހު ވީ ޤުރުބާނީގެ ވާހަކަ ފޯރުކޮށްދިނުމަށްޓަކައި މުހިންމު ބިނާއެކެވެ. ޚާއްސަކޮށް ބޮޑުތިލަދުންމަތީގެ ފަޚުރު ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ޒިކުރާ ދިރިދިރި ހުންނަފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ މުހިންމު އަދި ހިތްގައިމު ބިނާއެއްގެ ގޮތުގައެވެ.
