ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ސްޓްރޭންޖަރ ތިންގްސް" ގެ ފަސްވަނަ އަދި އެންމެ ފަހު ސީޒަންގެ ޝޫޓިން ފެށުމުގެ ކުރިން، ސީރީޒްގެ ދެ ބަތަލުން ކަމަށްވާ މީލީ ބޮބީ ބްރައުން އާއި ޑޭވިޑް ހާބަރާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީލީ ބޮބީ ބްރައުން ވަނީ ޑޭވިޑް ހާބަރއާ ދެކޮޅަށް ހެރެސްމެންޓް އަދި ބުލީންގެ ރަސްމީ ޝަކުވާއެއް ހުށަހަޅާފައެވެ.
މި ޝަކުވާ ހުށަހަޅާފައިވަނީ ސީރީޒްގެ ފަސްވަނަ ސީޒަންގެ ޕްރޮޑަކްޝަން ފެށުމުގެ ކުރިން ކަމަށް މައުލޫމާތު ލިިބެއެވެ. "އިލެވަން" ގެ ރޯލުން ފާހަގަކުރެވޭ 20 އަހަރުގެ ބްރައުން، ޗީފް ޖިމް ހޮޕަރ (ޑޭވިޑް ހާބަރ) ގެ ދަރިފުޅުގެ ރޯލު ކުޅެން ފެށީ 2016 ވަނަ އަހަރު ސީރީޒް ފެށުނު ފަހުންނެވެ. މަސްދަރުތައް ބުނާ ގޮތުގައި، ބްރައުން ވަނީ ހާބަރއާ ދެކޮޅަށް "ގިނަ ގިނަ ތުހުމަތުތަކެއް" ހުށަހަޅާފައެވެ.
މި ޝަކުވާގެ ސަބަބުން ނެޓްފްލިކްސްއިން އެތެރޭގެ ތަހުގީގެއް ފަށާފައިވާއިރު، މި ތަހުގީގު ވަނީ އެތައް މަހެއް ވަންދެން ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، މި މައްސަލައިގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސީރީޒްގެ ފަސްވަނަ ސީޒަންގެ ޝޫޓިން 2024 ޑިސެމްބަރުގައި ނިމުނު އިރު، ބްރައުންގެ ފަރާތުން އޭނާއަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަންދޫބެއް ހުރިކަމަށްވެސް އެތެރޭގެ މަސްދަރުތައް ބުނެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ނެޓްފްލިކްސްއާއި، ބްރައުން، އަދި ހާބަރގެ ފަރާތުން ޕީޕަލް މަޖައްލާގެ ސުވާލުތަކަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. "ސްޓްރޭންޖަރ ތިންގްސް" ގައި ބްރައުން (އިލެވަން) އަދި ހާބަރ (ހޮޕަރ) ކުޅެފައިވާ ބައްޕައާއި ދަރިފުޅުގެ ރޯލަކީ ސީރީޒްގެ އެންމެ ބޮޑު އެއް ޝުއޫރީ އަސާސެވެ. މި ދެމެދުގައި ގުޅުން ވަރުގަދަވެފައިވަނިކޮށް ނުތަނަވަސްކަން އުފެދުމަކީ ބެލުންތެރިންނަށް ކަންބޮޑުވާ ކަމެކެވެ. ދެ ތަރިންވެސް ވަނީ މީގެ ކުރިން އޮފް-ސްކްރީންގައި އެ ދެމެދުގައި އޮންނަ ގުޅުން ބައެއް ފަހަރު ސީރީޒްގެ ކެރެކްޓަރތަކުގެ ގުޅުމާ އެއްގޮތްވާ ކަމަށް ބުނެފައެވެ.
މި މައްސަލަ ހައްލުވެފައިވާ ގޮތަކާ ބެހޭ އެއްވެސް ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
