ލޯބީގެ މާނައަށް ކޮންމެހެން ފީނާކަށްނެތީމެވެ. އެކިމީހުން ލޯބި މާނަކުރަނީ އެކި ގޮތަށްކަމަށްވާތީއެވެ. ނަމަވެސް، ލޯބިވުމަށްފަހު އެ ލޯބި ފާޅުކުރާ ގޮތާމެދު ނަޒަރު ހިންގައިލަން ގަސްތުކުރަމެވެ. ދެމީހަކު ލޯބިވެ، ދުވަސްތައް ހޭދަކުރާއިރު ކައިވެނީގެ ކުރިންވެސް އަދި ކައިވެންޏަށްފަހުވެސް ލޯބިވާކަން ހާމަކުރުމަށް އެކި އުކުޅުތައް ބޭނުންކުރެއެވެ. އެއްގޮތަކީ އަނގަބަހުން ލޯބިވާ ވާހަކަ ބުނުމެވެ. ލޯބިވާ މިންވަރު ބަޔާންކޮށްދިނުމެވެ. ޒަމާނަކީ ސިޓީ ލިޔާ ޒަމާންކަމަށް ނުވާތީ، މިހާރު އެކަން އެކި ގޮތްގޮތަށް ކުރެވެން އެބަ ހުއްޓެވެ. އަނގަބަހުން ބުނުމެވެ. މެސެޖެއް ފޮނުވާލައިގެންނެވެ. މީސްމީޑިޔާގެ ސްޓެޓަސްއަކުން އެކަން ބަޔާން ކޮށްގެންނެވެ. ނަމަވެސް، ސުވާލަކީ، ލޯބިވާ ވާހަކަ ހަމަ ކޮންމެހެން ދުލުން ބަޔާން ކުރާން ޖެހޭ ހެއްޔެވެ؟

ބައެއް މީހުންގެ ނަޒަރުގައި މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މި މީހުން ދެކޭ ގޮތުގައި ލޯބި ވާކަން ބުނުމުން އަނެކާއަށް މާ ބޮޑަށް އެކަން ބަލައިގަންނަން ފަސޭހަވާނެއެވެ. މިސާލަކަށް ދުވާލަކު އެއްފަހަރު ނަމަވެސް، ކޮންމެވެސް ގޮތަކުން ލޯބިވާ ވާހަކަ ބުނެލަން ޖެހޭކަމަށް މިމީހުން ގަބޫލުކުރެއެވެ. އެމީހުންގެ ނަޒަރުގައި އަމަލުތައް ކޮންމެ ގޮތަކަށް ހުއްޓަސް، ދުލުން އެހެން ބުނުމުން މާބޮޑަށް ގާތްކަން ހާމަކޮށްދެއެވެ. ތިމާއާމެދު ވިސްނާކަން އަންގައިދެއެވެ. އަޅާލާކަން ހާމަކޮށްދެއެވެ.

ދެން އޮތީ ލޯބިވާ ވާހަކަ ކޮންމެހެން ބުނަން ނުޖެހެޔޭ ބުނާ މީހުންގެ ވާހަކައެވެ. އެމީހުން ދެކޭ ގޮތުގައި އެއީ މާކުރީގެ ކަމެކެވެ. ލޯބިވާ ވާހަކަ ނުބުންޏަސް، އެމީހަކު ކުރާ ކަންތައްތަކުން އެކަންކަން ހާސިލުވާނެއެވެ. މިސާލަކަށް ތަފާތު މުނާޞަބުތަކާ ގުޅިގެން ހަދިޔާއެއް ދިނަސް، އެއީ ލޯބިވާ ވާހަކަ ބުނެވުމެވެ. ދިރިއުޅުމުގެ ކުރަންޖެހޭ ކަންކަން އަދާހަމަކޮށް ކުރާކަމަށްވާނަމަ، އެ ބުނެވެނީ ލޯބިވާވާހަކައެވެ. އަޅާލާ އަދި ދައްކާ ވާހަކަ އަޑުއަހާ، ދިމާވާ ކޮންމެ ހިތްދަތިކަމެއްގައާއި އުފާވެރިކަމެއްގައި އެންމެ ކައިރީގައި އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެމިހުރުމަކީވެސް ލޯބިވާ ވާހަކަ ނުސީދާކޮށް ބުނެވުމެވެ. ލޯބިވާ ވާހަކަ ލިޔެފައި ނުވަތަ އަނގަބަހުން ބުނާކަށް ކޮންމެހެން މަޖުބޫރެއްނޫނެވެ. 

މިކަމުގައި ދިރާސާތައް ބުނާ އެއްޗެއްވެސް ބަލައިލުން މުހިންމެވެ. "ވަރބަލް އެކްސްޕްރެޝަން" ނުވަތަ އަނގަބަހުން ބުނާ ބުނުމަކީ، ގުޅުމެއް ބަދަހިކުރުމަށް ކޮންމެހެން ލާޒިމުކަމެއްކަމުގައި ނަފްސާނީ ދުޅަހެޔޮކަމާމެދު ކޮށްފައިވާ ދިރާސާއަކުން ދައްކައެވެ. އެ ދިރާސާގައި ބުނާ ގޮތުން، އެގޮތަށް އަނގަހުން އެ މުޢާމަލާތްކުރާނަމަ، ގުޅުމެއް ގިނަދުވަހު ދެމިއޮތުމަށް އެހީތެރިވެދެއެވެ. އަދި ބަސް ރައްދުވާ ފަރާތަށް އިތުރު ހިތްހަމަޖެހުންލިބޭކަމަށްވެއެވެ. އަދި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދުލުން ބަޔާންކުރުމުން، އަނެކާއަށް އޭނާގެ އަގުވަޒަންކުރާކަމާއި، ރައްކާތެރިކަން ކަށަވަރުވުމާއި، ގުޅުންބަދަހިކުރުމަށްކުރާ މަސައްކަތް ފެންނަކަމަށް ލިޔެފައިވެއެވެ.

މި ދެންނެވި ކަންކަމުގެ މައްޗަށް ވިސްނާއިރު، އަނގަބަހުން ލޯބިވާ ވާހަކަ ބުނުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ނިންމިދާނެއެވެ. ނަމަވެސް، އޭގެ އިތުރުން އަމަލުންވެސް އެކަން ދައްކާންޖެހެއެވެ. އެހެން ނޫންނަމަ، ގުޅުމެއް ގިނަ ދުވަހަކު ދެމިއެއްނޯންނާނެއެވެ.