ދިވެހި ޒުވާނުން ތަމްރީނުކޮށް ބާރުވެރިކުރުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުން މިއަދު އިތުރު ތިން އަހަރުގެ މުއްދަތަކަށް އައުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިކަމާ ގުޅިގެން މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާނެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސާރ އައިޝަތު ޝިމްލާއެވެ.

އެމްޕީއެލްއިން ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް ޤައުމީ ފެންވަރުގެ ތަޢުލީމާއި، މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޒުވާނުންގެ މެދުގައި އިޝްތިހާރުކުރާނެއެވެ.

މީގެ ކުރިންވެސް އެމްޕީއެލްއިން ޒުވާނުންގެ ވުޒާރާއާ ގުޅިގެން ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ބެޗް ކާމިޔާބުކަމާއެކު ނިންމާލާފައިވެއެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓް ލިބޭނެއެވެ. މި އެއްބަސްވުން އައުކުރުމަކީ ޒުވާނުންނަށް ބޭނުންވާ ހުނަރާއި ތަޖުރިބާ ދިނުމަށް އެމްޕީއެލްއިން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެކެވެ.