ހުޅުމާލޭގައި ހުންނަ މީޓް ސްޓްރީޓް ރެސްޓޯރެންޓުން، ނަސްރުގެ ދުވަހާ ގުޅިގެން ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޭއްވި "ނަސްރުގެ ދުވަހުގެ ކިޑްސް ފިއެސްޓާ" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ނޮވެމްބަރު 3 ވަނަ ދުވަހު މެންދުރުފަހު 1:30 އިން ހަވީރު 5:30 އަށް ކުރިއަށްދިޔަ މި ހަރަކާތަކީ މީޓް ސްޓްރީޓްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމެއްގެ ދަށުން ބޭއްވުނު މުހިންމު ހަރަކާތެކެވެ.

މި ފިއެސްޓާގެ މައިގަނޑު މަޤްސަދަކީ ހުޅުމާލޭގެ ކުޑަކުދިންނަށް އީޖާދީ ހުނަރުތައް ދަސްކޮށްދިނުމާއި، ކެއުމުގެ މަޖާ ތަޖުރިބާއެއްކުރުމުގެ ފުރުސަތު ދިނުމެވެ. ނަސްރުގެ ދުވަހުގެ ރޫހުގައި، ކުޑަކުދިންނަށް މަޖާ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ބޭއްވުނު މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރިއެވެ. ރަޖިސްޓަރީކުރި 4 އަހަރާއި 12 އަހަރާ ދެމެދުގެ 80 އެއްހާ ކުދިންނާއި އެކު އެ ކުދިންގެ އާއިލާތަކަށް މީޓް ސްޓްރީޓްގެ ދޮރު ހުޅުވާލި އިރު، ހަރަކާތަށް ހާޒިރުވި ހުރިހާ ބައިވެރިންނަށް މަރުޙަބާ ކިއުމުގެ ގޮތުން ޑްރިންކްސް އަދި ހިލޭ ކާނާގެ ބާވަތްތައް ވަނީ ފޯރުކޮށްދީފައެވެ.

އީޖާދީ އަދި ކެއުންތައްޔާރުކުރުމުގެ ހަރަކާތްތައް
މި ފިއެސްޓާގައި ކުޑަކުދިންގެ އީޖާދީ ހުނަރުތައް ތަރައްޤީކުރުމަށާއި ކެއުން ތައްޔާރުކުރުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. މިގޮތުން، ނަސްރުގެ ދުވަހުގެ ކުރެހުމުގެ މުބާރާތެއް ބާއްވާފައިވާއިރު، ކުޑަކުދިން ވަނީ ނަސްރުގެ ދުވަހުގެ ތީމަށް ހެދި ހުނަރުވެރި ކުރެހުންތަކުން އެކުދިންގެ ހުނަރު ދައްކާލާފައެވެ.

މީގެ އިތުރުން، ކެއުމުގެ މަޖާ ވޯކްޝޮޕްތަކެއް ވެސް ކުރިއަށް ގެންދެވުނެވެ. އެންމެ މަގުބޫލު ސްޓޭޝަންތަކުގެ ތެރޭގައި "ޑެކަރޭޓް ޔޯ މިނީ ޕިއްޒާ"، "މޭކް ޔޯ އޯން ސަބްމެރިން"، އަދި "މޭކް ޔޯ އޯން ޝަވަރމާ" ހިމެނެއެވެ. މި ސެޝަންތަކުން ކުޑަކުދިންނަށް އެކުދިންގެ އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށްލުމަށް ފުރުސަތު ލިބިގެންދިޔައީ އުފާވެރި ތަޖުރިބާއެއްގެ ގޮތުގައެވެ. މި ހަރަކާތްތަކަށްފަހު، ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުން ވަނީ މީޓް ސްޓްރީޓްގެ މީރު ކެއުމުގެ ރަހަ ބަލާފައެވެ.

މުޖުތަމަޢަށް ޚިދުމަތްކުރުމުގެ އަޒުމް
މީޓް ސްޓްރީޓްގެ ފަރާތުން ވިދާޅުވީ، މި ހަރަކާތް ރާވައި، ހިންގީ ކުޑަކުދިންނަށް އެކުދިންގެ ގޮތުގައި ތިބެން ފުރުސަތު ދިނުމަށް އަދި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒު ވަރަށް ސާދާ. ހުޅުމާލޭގައި ދިރިއުޅޭ ކުޑަ ކުދިންނަށް އުފާވެރި، އީޖާދީ ހުނަރުތައް ތަރައްޤީކުރުމާއި އައު ކަންކަން ތަޖުރިބާކުރުމަށް އެކުލެވޭ ހަނދާން ނައްތާނުލެވޭ އުފާވެރި ވަގުތެއް ހޯދައިދިނުން. އެ ކުދިންގެ އުފާވެރިކަން ފެނުމަކީ ލިބުނު ނަސްރެއް." އެ ރެސްޓޯރެންޓުން ބުންޏެވެ.

ޝުކުރުގެ ގޮތުގައި، ހުރިހާ ބައިވެރިންނަށް މީޓް ސްޓްރީޓްގެ ލޯޔަލްޓީ ކާޑު ދިނުމުގެ އިތުރުން، ތިން ނަސީބުވެރި ބައިވެރިޔަކަށް ހިލޭ ކިޑްސް މީލްއަކާއި، އަލާ ކާޓް މެނޫއިން 15% ޑިސްކައުންޓް ލިބޭނެ ގުރުއަތެއް ނެގޭނެކަން ވަނީ އިއުލާންކޮށްފައެވެ. މީޓް ސްޓްރީޓުން ވަނީ މިފަދަ އިޖުތިމާޢީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ. އަދި މިކަމަށް އިތުރު ހަރަކާތްތަކާއި ބައިވެރިންގެ އަދަދު އިތުރުކުރުމުގެ މަގު ފަހިވާނެކަމަށް ވެސް އެ ރެސްޓޯރެންޓުން ބުނެއެވެ.