ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން އަހަރު ނިންމާލުމުގެ ގޮތުން ގެނެސްދޭ ލޯބީގެ ފިލްމު "އަލްވަދާއު" ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމައިފިއެވެ. މި ފިލްމުގެ ޓިކެޓް ވިއްކުން މާދަމާ (ބުރާސްފަތި ދުވަހު) ހެނދުނު 10:00 އިން ފެށިގެން އޮލިމްޕަސް ސިނަމާ ކައުންޓަރުން ކުރިއަށްދާނެއެވެ. މީގެ އިތުރުން ޓިކެޓް ބުކްކުރުމަށް 9911229 އަށް ވައިބަރ މެސެޖް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މިއަހަރު ދިވެހި ސިނަމާއަށް ނެރޭ އެންމެ ރީތި އަދި ހަމައެކަނި ލޯބީގެ ފިލްމު ކަމުގައި ޑާކްރެއިނުން ސިފަކުރާ "އަލްވަދާއު" އަކީ، އެ ކުންފުނިން މިއަހަރު ނެރޭ ފަހު ފިލްމެވެ. އަމިއްލަ ރާގުގެ ރީތި ދިވެހި ލަވަތަކަކާއި އެކު، ޑާކްރެއިންގެ ކޮލިޓީގައި ދިވެހިން ބޭނުންވާ ކަހަލަ ފިލްމެއް މިފަހަރު ގެނެސްދޭނެކަމަށް ބެލެވެއެވެ.
"އަލްވަދާއު" އަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގެ ކެމެރާ ކުރާނީ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. އަދި ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
މި ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، "އަލިފާން" ފިލްމުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދިޔަ ޝީލާ ނަޖީބް ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ. ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ފަދަ ތަރިން ވެސް މި ފިލްމުގައި ހިމެނެއެވެ.
ފިލްމުގެ ޕޯސްޓަރުތަކުން ފެނިގެންދާ ގޮތުގައި މަޖޫ މިފިލްމުގައި ފެނިގެންދާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ރޯލުންނެވެ. ޑާކްރެއިންގެ ފިލްމުތަކުން ފެނިގެންދާ ފަދައިން، މި ފިލްމުގައި ވެސް ދިވެހިން ބޭނުންވާ ކަހަލަ އަސަރާއި ލޯބީގެ ގުލުންތަކާއި ރީތި ލަވަތަކަކާއެކު މިއީ ފުރިހަމަ ފިލްމަކަށް ވެގެންދާނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދިވެހި ފިލްމީ އިންޑަސްޓްރީ ހުއްޓުމަކަށް އައި ވަގުތު ވެސް ޑާކްރެއިނުން ވަނީ ގިނަ ކާމިޔާބު އުފެއްދުންތަކެއް ނެރެފައެވެ. އެ ކުންފުނިން މިފަހުން ދިވެހި ސިނަމާއަށް ގެނެސްދިން "އަލިފާން" އަކީ މާސްޓާ ޕީސްއެއްގެ ގޮތުގައި ފާހަގަކުރެވުނު ފިލްމެކެވެ. އަލިފާނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، "އަލްވަދާއު" ގެ ޕްރިމިއާ ނައިޓަށް 10 ބެލުންތެރިއަކަށް ޑާކްރެއިނުން ވަނީ ހަދިޔާއެއްގެ ގޮތުގައި ފުރުސަތު ދީފައެވެ. އަހަރު ނިމެން ދެ މަސް އޮތް ނަމަވެސް ޑާކްރެއިނުން އަދި މިވަރަކުން ނިންމާނުލާ، މިފަހަރު ގެނެސްދޭ "އަލްވަދާއު" އަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
