ސްޓެލްކޯއިން ހިދުމަތް ދެމުންގެންދާ ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާރު ދަނީ 6 ރަށަކަށް އައު ޖަނަރޭޓަރު ސެޓްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިއަދު ވަނީ ކ. ގުރައިދޫއަށް ޖަނަރޭޓަރު ސެޓެއް ގެންގޮސްފައެވެ.

ޚާއްސަކޮށް، އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކ. ގުރައިދޫއަށް އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިއަދު ވަނީ އެ ރަށަށް ގެންގޮސްފައެވެ. މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު ކ. ގުރައިދޫގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ.

 

 

ސްޓެލްކޯއިން އަމާޒުކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަކީ އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ ލިބިގެންދާފަދަ ހިދުމަތްތަކަކަށް ހެދުމަށެވެ. އެގޮތުން، ކުންފުނިން ހިދުމަތްދެމުންދާ ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ ބޮޑުކުރުމަށްޓަކައި 6 ރަށަކަށް 6 އައު ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.