ފަހުގެ ތާރީޚެއްގައި ދިވެހި މުޖުތަމަޢުއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް މައްސަލައަކީ، ލަދުހަޔާތް ކުޑަވެ، އިސްލާމީ އަދަބުތަކާއި ހިލާފު ޢަމަލުތައް އާންމުވަމުންދާ މައްސަލައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ތުއްތު ކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ ޤަބޫލު ނުކުރެވޭފަދަ ހާދިސާތައް އިތުރުވެ، އެކަންކަމުގެ ނުރައްކާތެރިކަން ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންދާކަން ފާހަގަކުރެވެއެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރާ ދިރާސާތަކުން މިކަން ވަރަށް ރަނގަޅަށް ހާމަވާއިރު، މިއީ ހަމައެކަނި ފަރުދީ މައްސަލަތަކެއް ނޫންކަން އެނގެއެވެ. އަދި މުޅި މުޖުތަމަޢުގެ އަސާސްތަކަށް ވަރަށް ބޮޑަށް ބަދަލުތަކެއް އަންނަމުންދާކަމުގެ ނިޝާނެއްވެސް މެެެއެވެ. މިފަދަ ހާލަތެއްގައި، ކުޑަކުދިންގެ ރައްކާތެރިކަމަކީ ކޮންމެ މީހެއްގެވެސް އިސްކަމެއް ކަމުގައި ވާންޖެހެއެވެ.

"ޗައިލްޑްލައިޓް - ގްލޯބަލް ޗައިލް ސޭފްޓީ އިންސްޓިޓިއުޓް" ގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން، ދިވެހިރާއްޖެއަކީ ކޮންމެ 10،000 މީހަކަށް އެވްރެޖުކޮށް 94 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ހިމެނޭ ތަކެތި އާންމުވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާ އެންމެ މަތީ ނިސްބަތެއް ހިމެނޭ ގައުމެވެ. މި އަދަދުތައް ހާމަކުރަނީ ދިވެހި މުޖުތަމަޢުގައި ތަފާތު ބޮޑެތި މައްސަލަތަކެއް ހުރިކަމެވެ. މީގެ އިތުރުން، މި ރިޕޯޓުތަކުން ދައްކާގޮތުގައި، މިފަދަ މައްސަލަތަކަކީ ހަމައެކަނި އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ މައްސަލަތަކެއް ނޫނެވެ. ބޮޑެތި ޖިންސީ އިސްތިޣްލާލްތަކާއި ނާޖާއިޒު ފައިދާތަކާ ގުޅިފައިވާ މައްސަލަތަކެއް މުޖުތަމަޢުގައި ފޮރުވިފައި އެބަހުއްޓެވެ. ކުޑަ އާބާދީއެއް އޮތް ގައުމަކުން މިފަދަ މަތީ ނިސްބަތްތަކެއް ފެންނަން އޮތުމަކީ، ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުތަކުގައި ނުވަތަ އޮންލައިންކޮށް ކުދިންނަށް ކުރެވޭ ހާނިއްކަތައް ކޮންޓްރޯލްކުރުމުގައި ވަރަށް ބޮޑެތި ބަލިކަށިކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ކަމެކެވެ.

މިފަދަ ހާލަތަކީ ދިވެހިރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އޭގެތެރޭގައި:

. އޮންލައިން ހާނިއްކައަށް ބޮޑު ނުރައްކަލެއް: ކުދިންނަށް އޮންލައިންކޮށް ހާނިއްކަ ކުރެވުމުގެ ބޮޑު ނުރައްކަލެއް އެބައޮތެވެ. އޭގެތެރޭގައި އޮންލައިން ގްރޫމިން، ކުދިންގެ ހުއްދަ ނެތި ފޮޓޯ ވައިރަލްކުރުން އަދި ޑީޕްފޭކް ހިމެނެއެވެ.

. ނިޒާމީ ދަތިތައް: މި ހޯދުންތަކުން ދައްކަނީ، ރާއްޖޭގައި ކުދިން ރައްކާތެރިކުރުމުގެ ނިޒާމުތައް (ޤާނޫނީ، ފަންނީ، އިޖުތިމާޢީ އެހީތެރިކަން ފަދަ) ފުދޭވަރަށް ވަސީލަތްތައް ނެތި ނުވަތަ އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ ކަމެވެ.

. ރައްކާތެރިކަމުގެ މާހައުލާ ބެހޭ ކަންބޮޑުވުންތައް: މި މައުލޫމާތުތަކުން ހާމަކޮށްދެނީ މިއީ ހަމައެކަނި އޮންލައިންކޮށް ހިންގާ ކުށެއް ނޫންކަމެވެ. އޭގެ އިތުރުން، ގޭތެރޭގެ ހާނިއްކައާއި، ކުދިންނަށް ރައްކާތެރި މާހައުލެއް ނެތުމާއި، މައްސަލަތައް ރިޕޯޓުކުރުމަށް މުޖުތަމަޢުގައި ހުރި ހުރަސްތައް ވެސް މިކަމާ ގުޅިފައިވާ ކަމެވެ.

މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އަބުރުވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ:

. ޤާނޫނުތައް ހަރުދަނާކުރުން: ޗައިލްޑް އެބިއުސް މެޓީރިއަލްސް އާއި އޮންލައިން ގްރޫމިން އަދި ކުޑަކުދިންނަށް ކުރެވޭ ހާނިއްކަތަކާ ގުޅޭ ޤާނޫނުތައް ހަރުދަނާކޮށް، ޚާއްސަކޮށް ދިވެހިރާއްޖޭގެ މާހައުލަށް އެކަށީގެންވާ ގޮތަކަށް ތަންފީޒުކުރުން.

. މައުލޫމާތު އެއްކުރުން ރަނގަޅުކުރުން: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބު އެއްކޮށް، އެ މައުލޫމާތުތައް އާންމުކުރުމުގައި އިތުރު ހާމަކަމެއް ގެނައުން.

. ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުތައް ވަރުގަދަކުރުން: ރައްކާތެރި މާހައަލުތަކާއި، ކުޑަކުދިންނަށް އެހީތެރިވާ ހެލްޕްލައިންތަކާއި، ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ހިންގާ މަރުކަޒުތައް ޤާއިމުކުރުން. އަދި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި، ކުދިންނަށް އެހީތެރިވާ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ދިނުން.

. ޑިޖިޓަލް މާހައުލަށް ސަމާލުކަން ދިނުން: ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި، އިންޓަރނެޓް ޕްލެޓްފޯމްތަކާއި، ރެގިއުލޭޓަރީ ފަރާތްތަކާ ގުޅިގެން މިފަދަ ކަންކަން ދެނެގަނެ، ހުއްޓުވައި އަދި ނައްތާލުމަށް މަސައްކަތްކުރުން. މީގެ އިތުރުން، ކުދިންނާއި، ބެލެނިވެރިންނާއި، މުދައްރިސުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން.

. ޞިއްޙީ މައްސަލައެއްގެ ގޮތުގައި ބެލުން: ކުޑަކުދިންނަށް ކުރެވޭ ޖިންސީ ހާނިއްކައަކީ ޞިއްޙީ ކުއްލި ހާލަތެއްގެ ގޮތުގައި ބަލައި، ހަމައެކަނި ޖިނާއީ އަދުލުގެ ދަށުން ނުބަލައި، މައްސަލަތައް ހުއްޓުވުމާއި، ކުރިން ދެނެގަނެ ފަރުވާ ދިނުމާއި، ނަފްސާނީ އެހީތެރިކަން ދިނުމަށް އިސްކަންދިނުން.

މި ނުރައްކާތެރި ހާލަތުން އަރައިގަނެވޭނީ، މުޅި މުޖުތަމަޢު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ. ސަރުކާރާއި، ދީނީ ޢިލްމުވެރިންނާއި، މައިންބަފައިންނާއި، ކޮންމެ ފަރުދަކު ވެސް މިކަމުގެ ނުރައްކާތެރިކަން އިހުސާސްކޮށް، ޒިންމާދާރުކަމާއެކު ޢަމަލުކުރުން މުހިންމެވެ. އަބުރުވެރި، ލަދުވެތި އަދި އިސްލާމީ ރިވެތި އާދަތަކަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ދައުރެއް އެބައޮތެވެ. ކުޑަކުދިންނަކީ މުސްތަޤުބަލުގެ އުންމީދެވެ. އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެކެވެ.