ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން އަހަރު ނިންމާލުމުގެ ގޮތުން ގެނެސްދޭ ލޯބީގެ ފިލްމު "އަލްވަދާޢު" ގެ ޕްރިމިއަރ ނައިޓަށް ޓިކެޓް ހޯދުމުގެ ހާއްސަ ގިވްއަވޭއެއް މިހާރު ހުޅުވާލައިފިއެވެ. މި ގިވްއަވޭގެ ދަށުން ނަސީބުވެރި ބައިވެރިންނަށް ފިލްމުގެ ތަރިންނާ އެކު ހާއްސަ ބައްދަލުވުމެއް (މީޓް އެންޑް ގްރީޓް) ބާއްވައި، އެކުއެކީގައި ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވުމުގެ ރަން ފުރުސަތެއް ލިބިގެންދާނެއެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން ހާމަކޮށްފައިވާ ގޮތުގައި، "އަލްވަދާޢު"ގެ ޕްރިމިއަރ ނައިޓް ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު، އޮލިމްޕަސް ސިނަމާގައެވެ. މިއީ މިއަހަރު ދިވެހި ސިނަމާއަށް ނެރޭ އެންމެ ރީތި އަދި ހަމައެކަނި ލޯބީގެ ފިލްމު ކަމުގައި ޑާކްރެއިނުން ވަނީ ބުނެފައެވެ.
ގިވްއަވޭގައި ބައިވެރިވެވޭނެ ގޮތްތައް:
މި ޙާއްސަ ފުރުސަތުގައި ބައިވެރިވުމަށްޓަކައި ތިރީގައިވާ ކަންކަން ފުރިހަމަ ކުރަންޖެހެއެވެ:
- ގިވްއަވޭ ޕޯސްޓަށް ލައިކް ކުރުން.
- ޕޯސްޓްގެ ކޮމެންޓް ބައިގައި ތިން ރައްޓެއްސަކު މެންޝަން ކުރުން.
- މި ޕޯސްޓް ސްޓޯރީގައި ޝެއަރކޮށް، ފިލްމު ޑާކްރެއިން ޓެގް ކުރުން.
މި ގިވްއަވޭގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. ނަސީބުވެރި ފަރާތްތަކަށް ފިލްމުގެ ޕްރިމިއަރ ނައިޓަށް ވަދެވޭނެ ފުރުސަތުގެ އިތުރުން، ތަރިންނާއެކު ހާއްސަ ވަގުތުކޮޅެއް ހޭދަކުރުމުގެ ހުށަހެޅުން ވެސް މި ގިވްއަވޭގައި ހިމެނެއެވެ.
ފިލްމް "އަލްވަދާޢު" އަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގެ ކެމެރާ ކުރަނީ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. އަދި ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، "އަލިފާން" ފިލްމުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދިޔަ ޝީލާ ނަޖީބް ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ. ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ފަދަ ތަރިން ވެސް މި ފިލްމުގައި ހިމެނެއެވެ. ފިލްމުގެ ޕޯސްޓަރުތަކުން ފެނިގެންދާ ގޮތުގައި މަޖޫ މިފިލްމުގައި ފެނިގެންދާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ރޯލުންނެވެ.
"އަލްވަދާޢު" އަކީ ޑާކްރެއިންގެ ކޮލިޓީގައި ދިވެހިން ބޭނުންވާ ކަހަލަ އަސަރާއި ލޯބީގެ ގުލުންތަކާއި ރީތި ލަވަތަކަކާއެކު ގެނެސްދޭނެ ފުރިހަމަ ފިލްމަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.
ފިލްމުގެ ޓިކެޓް ވިއްކުން މިއަދު ހެނދުނު 10:00 އިން ފެށިގެން އޮލިމްޕަސް ސިނަމާ ކައުންޓަރުން ވަނީ ފަށާފައެވެ. މީގެ އިތުރުން ޓިކެޓް ބުކްކުރުމަށް 9911229 އަށް ވައިބަރ މެސެޖް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
