ވޯލްޑް ޓްރެވަލް މާކެޓް (WTM) ލަންޑަން 2025 ގެ ތެރެއިން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (Visit Maldives) އިން ކުރިއަށްގެންދާ ދެ މަސް ދުވަހުގެ ޕްރޮމޯޝަނަލް ކެމްޕޭނެއް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.

މި ކެމްޕޭނަކީ، ލަންޑަންގެ މަގުތަކުގައި ދުއްވާ 100 ޓެކްސީގައި ރާއްޖޭގެ ފުރިހަމަ މަންޒަރުތަކާއި ސިފަތައް ހިމެނޭ ގޮތަށް ކަވަރުކޮށްގެން ކުރިއަށްގެންދާ ވަރުގަދަ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ، އިނގިރޭސިވިލާތުގެ މާކެޓްގައި ރާއްޖެއަށް ލިބިފައިވާ މަޤްބޫލުކަން އިތުރަށް ގަދަކުރުމާއި، މަތީ ފެންވަރުގެ ފަތުރުވެރިންނާއި، ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއި، މީޑިއާގެ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމެވެ.

މި ކެމްޕޭނުގެ ސަބަބުން ލަންޑަންގެ މީހުންނާއި ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ޚާއްސަ ތަޖުރިބާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.