މަސައްކަތަށް އިސްކަންދީ، އަވަދިނެތި އުޅުން މުހިންމުކަމަށް ބަލާ މުޖުތަމަޢެއްގައި، ހިތްހަމަޖެހުމާއި އަރާމުކުރުމަކީ ބައެއް ފަހަރު އެދެވޭ ކަމެއް ނޫން ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ އިންތިހާއަށް ބޭނުންތެރި ކަމެކެވެ. އަރާމުކުރުމަކީ ހަމައެކަނި ނިދުމެއް ނޫނެވެ. އެއީ ހަށިގަނޑަށާއި ސިކުނޑި އަލުން ތާޒާވެ، ހަކަތަ ލިބި، ހާސްކަން ފިލުވައިލުމަށް ފުރުޞަތު ދިނުމެވެ. މެދުނުކެނޑި މަސައްކަތްކޮށް، އަބަދުވެސް ހަށިގަނޑަށް ބާރުބޮޑުކުރުމުން، ކޯޓިޒޯލް ފަދަ ސްޓްރެސް ހޯރމޯނުތައް އިތުރުވެ، ވަރުބަލިވުމާއި، ހިތްހަމަނުޖެހުންތަކާއި، އަދި ދިފާއީ ނިޒާމު ބަލިކަށިވުންފަދަ ކަންކަން ކުރިމަތިވެއެވެ.
ޙަޤީޤީ އަރާމުކުރުން ތަފާތު ގޮތްގޮތަށް ހޯދިދާނެއެވެ. އެއީ ހަމަހިމޭންކަމާއެކު ހިނގާލުމެއް ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ މަސައްކަތްތަކުގެ ތެރެއިން ހުސްވަގުތުކޮޅެއް ނެގުމެއް ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ހަމައެކަނި ހިމޭންކަމުގައި އިށީނދެލައިގެން ހުރުމެއް ކަމުގައި ވެސް ވެދާނެއެވެ. ކޮފީއެއް ބޯލުން ކަމުގައިވެސް ވެދާނެއެވެ. އެކުވެރިންނާއި އެކު އަނގަތަޅާލުން ކަމުގައިވެސް ވެދާނެއެވެ. މިފަދަ ވަގުތުތަކުގައި ސިކުނޑިން އިޙުސާސްތައް ދިރާސާކޮށް، ނަފްސާނީ ވަރުބަލިކަން ފިލުވާލައި، ހަނދާންކުރުމުގެ ބާރު ހަރުދަނާކޮށްދެއެވެ. ހަމައެކަނި 10 މިނިޓަށް ހިމޭންކަމާއެކު ހުރުމުންވެސް ކަންބޮޑުވުންތައް ކުޑަކޮށް، ސަމާލުކަން އިތުރުކޮށްދެއެވެ.
ވީމާ، ދެވަނަ ފަހަރަށް ތިބާ މަޑުޖެހިލުމުން ނުވަތަ އަރާމުކުރުމުން ކުށްވެރިއެއްކަމަށް ހީވާނަމަ، މިކަން ހަނދާން ކުރާށެވެ: އަރާމުކުރުމަކީ ބޭކާރުވާ ވަގުތެއް ނޫނެވެ އެއީ އަލުން ހަކަތަ ލިބިގަތުމެވެ. ނޭވާލާލައި، މަޑުޖެހިލައި، ހިތްހަމަޖައްސާލުމަށް ފުރުޞަތު ދިނުމުން، ތިބާގެ ހަށިގަނޑަށް ކުރިއަށް ދިއުމަށް ބޭނުންވާ ބާރު ލިބި، ކުރިއަށްވުރެ ސިއްހަތު ރަނގަޅުކޮށް އަދި ބާރުގަދަކޮށް ދެމިހުރުމަށް މަގުފަހިކޮށްދެއެވެ.
މެދުނުކެނޑި މަސައްކަތްކޮށް، ގިނަ ކަންކަން ހާސިލުކުރުމަކީ އަބަދުވެސް ތަޢުރީފު ލިބޭ ކަމެކެވެ. ނަމަވެސް، ދިގު މުއްދަތަށް ހަށިގަނޑު ދުޅަހެޔޮކަމާއި އެކު، ސިއްޙަތު ރަނގަޅުކޮށް ބެހެއްޓުމަށްޓަކައި އަރާމުކުރުމަކީ މުހިންމު ކަމެކެވެ. ދެމިހުންނަ ގޮތެއްގައި އަރާމުކުރުމަށް އިސްކަންދޭނަމަ، ވަރުބަލިވުމުން ސަލާމަތްވެ، ސިކުނޑީގެ ހަރަކާތްތައް ރަނގަޅުވެ، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލިއްޔަތު އިތުރުވެއެވެ. މީގެ އިތުރުން، އީޖާދީ ޚިޔާލުތައް އުފެއްދުމަށާއި، ރަނގަޅު ނިންމުންތައް ނިންމުމަށް ވެސް އެހީތެރިވެދެއެވެ. ދިރިއުޅުމުގެ މިފަދަ ހަމަޖެހޭ ގޮތަކުން، ހަށިގަނޑާއި ސިކުނޑީގެ ސިއްޙަތު ރަނގަޅުވުމުގެ އިތުރުން، މުޖުތަމަޢުގައި އުޅޭއިރު އެހެން މީހުންނާ އޮންނަ ގުޅުންތަކަށާއި، ދިރިއުޅުމުގެ ފެންވަރަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއެވެ.
ކުރުގޮތަކުން ބުނާނަމަ، އަރާމުކުރުމަކީ ބަލިކަށިކަމެއް ނުވަތަ ކަންނެތްކަމެއްގެ ނިޝާނެއް ނޫނެވެ. އެއީ ތިބާގެ އަމިއްލަ ނަފްސަށް ދެވޭ އަޅާލުމެކެވެ. އަދި ތިބާގެ ސިއްޙަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ވެސް ބެލެވިދާނެއެވެ. އަރާމުކުރުމާއި އެކު ލިބޭ މި ބާރުގެ ސަބަބުން، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހިތްވަރާއި، ސާފުކަމާއި އެކު އައު ހަކަތައެއް ލިބިގެންދެއެވެ. ވީމާ، އަރާމުކުރުމުން ކުރެވޭ ކުށްވެރިކަމުގެ އިހުސާސް ދޫކޮށްލާށެވެ. އަދި ހިމޭންކަމުގެ އެ ވަގުތުތަކަށް އިސްކަންދީ، އަރާމުކުރުމުގެ ޒަރީއާއިން ހަށިގަނޑާއި ސިކުނޑި ތަރުބިއްޔަތުކުރުމަކީ، ތިބާގެ ދިރިއުޅުން އަދި އެއަށްވުރެ ފުރިހަމަ އަދި ދެމިހުންނަ ދިރިއުޅުމަކަށް ހެދުމަށްޓަކައި، ތިބާގެ އަމިއްލަ ނަފްސު، ދިރުންހުރި ނަފްސަކަށް ހެދުން ކަމުގައި ދެކޭށެވެ. އަރާމުކުރުމަކީ އެއްގޮތަކަށްވެސް ކަންނެތްކަމުގެ އަލާމާތެއް އަދި ނިޝާނެއްވެސް ނޫނެވެ. އެކަން އަބަދުވެސް ހަނދާންކުރާށެވެ.
