އެމެރިކާގެ މަޝްހޫރު ބަތަލާ އަދި ބްރިޓިޝް ޕްރިންސް ހެރީގެ އަނބިކަނބަލުން، ސަސެކްސްގެ ޑަޗެސް މޭގަން މާކަލް، 8 އަހަރު ދުވަހުގެ ދިގު މެދުކެނޑުމަކަށްފަހު ފިލްމީ ދާއިރާއަށް އަނބުރާ އަންނަން ތައްޔާރުވެއްޖެއެވެ. ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މޭގަން މާކަލް ފެނިގެންދާނީ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްގެ އަންނަ ފިލްމު "ކްލޯސް ޕާސަނަލް ފްރެންޑްސް" އިންނެވެ.

މި ފިލްމުގައި މޭގަން އޭނާގެ އަމިއްލަ ޝަހުސިއްޔަތާ ގާތް ކެރެކްޓަރަކަށް ކުޅެފާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ފިލްމުގެ ޝޫޓިން ކުރިއަށްދާ ކެލިފޯނިއާގެ ޕަސަޑީނާގައި ހުންނަ ސެޓްތަކުން ދާދި ފަހުން މޭގަން ފެނިފައިވެއެވެ. މި ފިލްމުގައި މަޝްހޫރު ތަރިން ކަމަށްވާ ބްރީ ލާސަން، ލިލީ ކޮލިންސް، ޖެކް ކްއޭޑް އަދި ހެންރީ ގޯލްޑިންގ ވެސް ހިމެނެއެވެ. ނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ވާހަކައިގެ ގިނަ ތަފްސީލުތަކެއް ސިއްރުކޮށްފައެވެ.

މޭގަން މާކަލް އެންމެ ފަހުން އެމެރިކާގެ ޓެލެވިޜަން ޝޯއެއްގައި ފެނިފައިވަނީ 2017 ވަނަ އަހަރުއެވެ. އޭނާ 2018 ވަނަ އަހަރު ޕްރިންސް ހެރީއާ ކައިވެނި ބައްލަވައިގަތުމަށްފަހު ފިލްމީ ދާއިރާއާއި މޮޑެލް ކުރުން ހުއްޓާލާފައިވަނީ، އޭނާގެ ރޯޔަލް މަސްއޫލިއްޔަތުތަކާއި ރަނގަޅުު ކަންކަމަށް އިސްކަންދިނުމަށެވެ. މިހާރު ފިލްމަކުން ފުރުސަތު ލިބުމަކީ އޭނާ އެންޓަޓެއިންމަންޓް ދާއިރާއަށް ރަސްމީކޮށް އެނބުރި އައުން ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މޭގަން މާކަލް ވަނީ ކެލިފޯނިއާގައި ބޭއްވުނު ލައިވް އިވެންޓެއްގައި އޭނާގެ އާއިލީ ދިރިއުޅުމުގެ ވާހަކަތައް ހާމަކޮށްފައެވެ. ސަސެކްސްގެ ޑަޗެސް، މޮންޓިސިޓޯގައި ލިޔުންތެރިޔާ އަދި ލައިފްސްޓައިލް ކްރިއޭޓަރ ކޯޓްނީ އެޑަމޯއާ އެކު ބޭއްވުނު ޚާއްސަ އިންޓަރވިއުއެއްގައި، ޕްރިންސް ހެރީއާއި ދެކުދިން ކަމަށްވާ ޕްރިންސް އާޗީ އަދި ޕްރިންސެސް ލިލިބެޓްއާ އެކު އުޅޭ ދިރިއުޅުމުގެ ދުވަހު ނިޒާމުތަކާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ.

މޭގަން ހާމަކުރި ގޮތުގައި، ކޮންމެ ރެޔަކު ކެއުމުގެ ތެރޭގައި އެމީހުން "ރޯޒް އެންޑް ތޯން" ކިޔާ އާއިލީ އާދައެއް ގެންގުޅެއެވެ. މިކަމުގެ ތެރެއިން، ކޮންމެ އާއިލީ މެންބަރަކުވެސް އެމީހުންގެ ދުވަހުގެ އެންމެ ހިތްގައިމު އަދި އެންމެ އުނދަގޫ ކަންކަން ހިއްސާކުރެއެވެ. މޭގަން ވިދާޅުވީ، މީގެ ސަބަބުން ކޮންމެ މެންބަރަކަށްވެސް އަނެކާގެ އިޙްސާސްތަކާއި ތަޖުރިބާތައް ފުންކޮށް ދެނެގަތުމަށް އެހީތެރިވެ، އެންމެން ގާތްވުމަށް މަގުފަހިވާ ކަމަށެވެ.

ޕްރިންސެސް ލިލިބެޓް ގިނައިން އޭނާގެ ދުވަސް ސިފަކުރަނީ "ހަމަ ވަރަށް މަޖާ" ދުވަހެއްގެ ގޮތުގައި ކަމަށް މޭގަން ހިނިތުންވެ ހުރެ ހިއްސާކުރިއެވެ. އޭނާގެ ދަރިފުޅުގެ އުފާވެރި ޖަވާބުން ދައްކުވައިދެނީ އޭނާގެ އުފާވެރި ޝަހުސިއްޔަތު ކަމަށް މޭގަން ބުންޏެވެ. ޕްރިންސް އާޗީވެސް މި އާއިލީ ވާހަކަތަކުގައި ބައިވެރިވުމަށް ވަރަށް ބޮޑަށް ބޭނުންވެ، މިކަން ވަނީ އެމީހުންގެ ކޮންމެ ހަވީރެއްގެ މުހިންމު ބަޔަކަށް ވެފައެވެ.

އަދި، ކުދިން ބަލިވާ ދުވަސްތަކުގައި މޭގަން އެމީހުން ހޫނު ބްލެންކެޓެއްލާ ބައްދާލާ، އިތުރު ސަމާލުކަންދީ، އަވަހަށް ރަނގަޅުވުމަށް އެހީތެރިވާ ކަމަށްވެސް އޭނާ ހިއްސާކުރިއެވެ. މުޅި މި ވާހަކަ ދެއްކުމުގެ ތެރެއިން، މޭގަން ވަނީ ރޯޔަލް އާއިލާގައި އުޅުނު ދުވަސްވަރާއި މިހާރުގެ ދިރިއުޅުން ވަރަށް ތަފާތުކަން ފާހަގަކޮށްފައެވެ. އޭނާގެ މިހާރުގެ ގޭތެރެ ސިފަކުރީ ހަމަޖެހުމާއި ލޯބިން ފުރިފައިވާ ތަނެއްގެ ގޮތުގައެވެ. މޭގަން ވިދާޅުވީ، ކުދިން ބެލުމާއި، އާއިލާއާ އެކު ކެއުމާއި، ކޮންމެ ދުވަހެއްގައި ހީ ސަމާސާކުރަން ލިބޭ އާދައިގެ އުފާތައް، ރޯޔަލް މަސްއޫލިއްޔަތުތަކަށްވުރެ މާބޮޑަށް މުހިންމު ކަމަށެވެ.