ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ޑާކް ރެއިން އެންޓަޓެއިންމަންޓުން މި އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އަދި ގިނަ ބަޔަކުު އިންތިޒާރުކުރާ ބޮޑު ފިލްމު ”އަލްވަދާޢު“ގެ ރަސްމީ ޓްރެއިލާ ވަނީ ދައްކާލާފައެވެ. މި ޓްރެއިލާ އާންމުކުރުމާއެކު ފިލްމު ބަލަން ބޮޑު އިންތިޒާރެއް ކުރަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

”އަލްވަދާޢު“ގެ ޓްރެއިލާއިން ދައްކުވައިދެނީ ހިތާމަވެރި ހާދިސާއެއްގެ ސަބަބުން އަންހެނެއްގެ ހިނގުމުގެ ކުޅަދާނަކަން ގެއްލި، އޭނާ ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވުމާއެކު ދިރިއުޅުމުގައި އަދި ލޯބީގެ ގުޅުންތަކުގައި އުފެދިގެން އަންނަ ހިތްދަތިކަމާއި ލޯބީގެ ފުން ވާހަކައެކެވެ. ޓްރެއިލަރުގެ ފުރިހަމަކަމާއި އަސަރުގަދަ ކުޅަދާނަކަމުން މިއީ ބަލާލަން ހަމަ ދާހިތުން ބަލާލެވޭހާ ރީތި ފިލްމަކަށް ވެގެންދާނެކަން ހާމަވެގެން ގޮސްފައިވެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ގައިން ހީބިހި ނަގާހާ ޓްރެއިލަރ ފުރިހަމަކަމަށެވެ.

މި ފިލްމުގެ ޓްރެއިލާ ބައެއް މީހުންނަށް ދައްކައިލުމަށްފަހު އެމީހުންގެ ރިއެކްޝަންތައް ހުރި ގޮތުން، ”އަލްވަދާޢު“ ފިލްމުގެ ޓީމުން ވަނީ މީގެ ދުވަސްތަކެއް ކުރިން ބެލުންތެރިންގެ ކިބައިން މަޢާފަށް އެދިފައެވެ. އެކަމަށް ނެރުނު ބަޔާނުގައި ޑާކް ރެއިން ޓީމުން ބުނެފައިވަނީ:

މި ފިލްމު އެޅުވުމުގެ ކުރިން ޓްރެއިލާ ބަލައިލަން ފުރުޞަތު ލިބުނު ބައެއް މީހުން ބުނާގޮތުގައި ފިލްމުގެ ސަބަބުން ކުއްލި ޖަޒުބާތީ އިހުސާސްތައް ކުރެވުމާއި، މާޒީގެ މުހިންމު ހަނދާންތައް އައުމުގެ އިތުރުން، ކުރިން ލައްޕާލެވިފައިވާ ކަމަށް ހީކުރެވިފައިވާ ދިރިއުޅުމުގެ ބައެއް ބާބުތައް ހުޅުވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަނަވަމެވެ. އަދި ސިކުނޑީގެ އަރުޝީފުގައި ހުންނާން ޖެހޭ ބައެއް ހަނދާންތައް އިއާދަވުމުގެ ފުރުސަތުވެސް އޮވެދާނެކަމުގައި ފާހަގަކުރަމެވެ. ފިލްމުގެ ސަބަބުން ކުރިމަތިވެދާނެ ޖަޒުބާތީ ކާރިސާތަކަށާއި، ލޮލުން އޮހޮރިދާނެ ކަރުނަޔަށާއި، އަލުން ހުޅުވިގެންދާ މާޒީގެ ފާރުގަނޑުތަކަށާއި، މަޑުމޮޅިކަމާއެކު ހަލާކުވެގެންދާ ހިތްތަކަށާއި، ބުނަން ބޭނުންވެ ނުބުނެވިފައިވާ އަލްވަދާޢުތަކަށް ޑާކް ރެއިން އިން ޒިންމާވެވެން ނެތްކަމުގައި ދަންނަވަމެވެ. އަލްވަދާޢު ބަލަން ނިންމާކަމުގައި ވަނީނަމަ ސަމާލުކަމާއެކު ކުރުމަށް އިލްތިމާސްކުރަމެވެ. ޓިޝޫ ހިއްޕަވައިގެން ވަޑައިގަތުމަށާއި، މަޑުމައިތިރި ހިތަކާއި، ހިތުގެ އުދާސްތައް ފިލުވައިލުމަށް އާއްމުކޮށް އަޑުއަހާ ލަވަތަކުގެ ޕްލޭލިސްޓް ގާތުގައި ބޭއްވުމަށްވެސް އިލްތިމާސްކުރަމެވެ.
ފިލްމު އަލްވަދާޢުގެ ޓީމު

މި އަސަރުގަދަ ފިލްމުގެ ޓިކެޓް މިމަހުގެ 6 ވަނަ ދުވަހު އޮލިމްޕަހުގައި ވިއްކަން ފަށާފައިވާއިރު، ފިލްމަށް އޮތް ތަރުހީބު ބޮޑުކަން ފާހަގަކޮށްލަމެވެ.

”އަލްވަދާޢު“އަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރަނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.

ފިލްމުގެ ކާސްޓަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، އަދި ހާޒިފް ހިމެނެއެވެ.

ޑާކް ރެއިންއިން އުފައްދާ ފިލްމު ‘ޕްރޮޖެކްޓް 39’ގެ ނަން ދިމާކުރި ފަރާތަކަށް ފިލްމުގެ ޕްރިމިއާ ޝޯއިން ޓިކެޓެއް ދިނުމަށް ވެސް ހުޅުވައިލިއެވެ. މި ކަމަށް އެދި މެސެޖްކުރި އެއްހާހަށް ވުރެން ގިނަ މީހުންގެ މެދުގައި ގުރުއަތު ނަގައި 10 ނަސީބުވެރި މީހުންނަށް ޕްރިމިއާ ޝޯގެ ޓިކެޓް ދިނުމަށް ނިންމައި، އެ ނަސީބުވެރި ފަރާތްތައްވެސް ވަނީ ހޮވާފައެވެ. މީގެއިތުރުން، މި މަހުގެ 10ގެ ކުރިން ޑާކް ރެއިންގެ ސޯޝަލް މީޑިއާ ޕޯސްޓަށް ލައިކެއްދީ، ކޮމެންޓްގެ ގޮތުގައި ތިން ރަހުމަތްތެރިންގެ ނަން ލިޔެ، މި ޕޯސްޓް ސްޓޯރީގައި ޝެއަރކޮށް، ޑާކްރެއިން ޓެގް ކުރުމުން ވެސް މިހާރު ދެމުންދާ ގިވްއަވޭއެއްގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ބެލުންތެރިންނަށް ފުން އަސަރުތަކެއް ކުރާނެކަމަށް ލަފާކުރެވޭ ”އަލްވަދާޢު“އަކީ މި އަހަރުގެ އެންމެ އިންތިޒާރު ބޮޑު ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ލޯބި ފިލްމެކެވެ.