އިންސާނުންގެ ވިސްނުން ބޭނުންކޮށްގެން އަބަދުވެސް ތަފާތު އައު ތަކެއްޗާއި، އައު އީޖާދުތައް އުފަންކުރުވައެވެ. ދިރިއުޅުމުގެ ކޮންމެވެސް ކަމަކަށް އެކަމަކުން ނުވަތަ އެއްޗަކުން ފަސޭހަތަކެއްވާނޭ ގޮތަކަށެވެ. އެގޮތުން އާރޓިފިޝަލް އިންޓަލިޖެންސްއަކީވެސް މި ދެންނެވި ބީދައިން އީޖާދުކުރެވުނު ވަރަށް މުހިންމު އެއްޗަކަށް މިއަދުމިވަނީ ވެގެން ގޮސްފައެވެ.
އެންމެ ފުރަތަމަ އާރޓިފިޝަލް އިންޓެލިޖެންސްއަކީ ކޮބައި ހެއްޔެވެ؟ އިންސާނާގެ ވިސްނުމާއި ފިކުރު ހިންގުމުގެ ކުޅަދާނަކަމަކީ، އެހެން މަހުލޫގުންގެ މައްޗަށް އިންސާނާ މަތިވެރިކުރެއްވި ސަބަބެވެ. ކަންކަމާމެދު ވިސްނާ، ގޮތް ނިންމާ، ރަނގަޅު ގޮތާއި ނުބައި ގޮތް ދެނެގަންނަން އިންސާނާއަށް އެނގޭތީއެވެ. އެގޮތުން، އާރޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ، ކޮމްޕިއުޓަރ ސައިންސްގެ އަލީގައި ކޮންމެވެސް މެޝިނެއް ނުވަތަ އިލެކްޓްރޯނިކް އާލާތެއް ބޭނުންކޮށްގެން އިންސާނާ ވިސްނުން ހުންނަގޮތަށް ވިސްނުން ތަރައްގީކޮށް، އިންސާނުންކުރާ ބައެއްކަންކަން އެ މެޝިނުން ނުވަތަ އާލާތުން ކުރުމެވެ. މިސާލަކަށް ދަސްކުރުމާއި، ސަބަބުތައް ދެއްކުމާއި، މައްސަލަތައް ހައްލުކުރުމާއި، ކަންކަމުގައި ގޮތް ނިންމުން ކަހަލަ ކަންކަން މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލުމެވެ.
އޭ.އައި ގެ ސަބަބުން މި ޒަމާނުގައި ވަރަށް ގިނަ ލުއި ފަސޭހަތަކެއް އެބަ ލިބެއެވެ. އެންމެ ފުރަތަމަވެސް، އަހަރުމެން ކުރަންޖެހޭ ކަންކަން ވަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެބަ ނިންމާލައެވެ. އަހަރުމެން އާންމުކޮށް ބޭނުންކުރާ ގިނަ އޮންލައިން ޕްލެޓްފޯމުތަކާއި، ސޮފްޓްވެއަރ ތަކުގައާއި، އެހެނިހެން އެޕްލިކޭޝަންތައް މިހާރު އޭ.އައި އިން ފައްކާވަމުން އަންނައިރު، ކުރިން އަމިއްލައަށް ވަރަށްގިނަ ވަގުތު ހޭދަކޮށްގެން ކޮށްލަންޖެހޭ ކަންކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެބަ ނިންމާލައެވެ. އޭގެ ސަބަބުން އެހެންކަންކަމަށް ތިމާގެ ވިސްނުން ބެހެއްޓުމަށް ވަގުތު ހުސްކޮށްލައިދެއެވެ. އަދި އޮފީސް މާހައުލަށް ބަލާނަމަ، ކުރިން ކޮންމެ ކަމަކަށް އެކަމުގެ ހުނަރާއި ޤާބިލުކަންހުރި ފަންނީ މީހުން ބޮޑު މުސާރަދީގެން ގެންގުޅެން ޖެހޭއިރު، އޭ.އައި އާއެކު، ގިނަ ކަންކަން މި ދެންނެވި މީހުން ވަޒީފާތަކުގައި ނުގެންގުޅެ ފަރުޖެއްސެން މިހާރު އެބަ އޮތެވެ. މީގެ އިތުރުން، އޭ.އައި އަކީ ވަރަށް 'ސިސްޓެމެޓިކްކޮށް' މަޢުލޫމާތު ރައްކާކުރެވި، އެ މަޢުލޫމާތުތަކުގެ އަލީގައި ކަންކަން ކޮށްލާ އެއްޗަކަށްވީތީ، އިންސާނުން ކުރާ ކަންކަމުގައި ޖެހޭ ކޫސަނި މައްސަލަތައް ޖެހުން ދުރެވެ. މި ދެންނެވީ އިންސާނީ ކުށް ނުވަތަ ހިއުމަން އެރަރ މަދުވާ ވާހަކައެވެ. އަދި އެއްކަމެއް ކިތަންމެ ވަރަކަށް ކުރަން ޖެހުނަސް، ވަރުބަލިވުމާއި، ކަންނެތްވުމާއި، ފޫހިވުންކަހަލަ ކަންކަން އޭ.އައި އަކަށް ދިމައެއްނުވާނެއެވެ. އަދި ސައްވީސް ގަޑިއިރު، ޚިދުމަތް ލިބިލިބި ހުރުމަކީ މަސައްކަތްތައް ހަލުވިވުމާއި، ކުރަންޖެހޭ ޚަރަދު އެތައް ތަނެއް ކުޑަކޮށްލައިދޭ ކަމެކެވެ.
އެހެންނަމަވެސް، އޭ.އައި އާއެކު މިވަނީ ނުރައްކާތެރިކަމުގެ ރަނގަބީލެއް ޖަހަން ފަށާފައެވެ. ކޮންމެ ކަމެއްވެސް އެކަމެއް ކުރަން އޮންނަ އުސޫލުން ބޭރުން ކުރާނަމަ، ނުހަނު ބޮޑު ގެއްލުންތައް ލިބޭ ބީދައިންނެވެ. އޭ.އައި އާއެކު އެންމެ ބޮޑަށް ގެއްލުންވަމުންދަނީ މީހުންގެ ވިސްނުމަށެވެ. ކިޔަވާކުދިންނާއި މަތީ ތަޢުލީމު ބޭނުންކުރާ ދަރިވަރުން، މުޅި ކިޔެވުމުގެ ހުރިހާކަމެއް އޭ.އައި އަށް ބަރޯސާވާން ފަށައިފިއެވެ. ނަތީޖާއަކީ، ވިސްނުމުގެ ބާރުދަށްވުމެވެ. ވިސްނުން ކޮށިވުމެވެ. އެންމެ ކުޑަ ކަމެއްގެ މަޢުލޫމާތުވެސް، އަމިއްލައަށް ހޯދާ ބެލުމާއި، އެކަމާމެދު ވިސްނާ ފިކުރު ކުރުމުގެ ބަދަލުގައި ކޮންމެވެސް އޭ.އައި ޕްލެޓްފޯމަކުން އެހީ ހޯދުން މިވަނީ އާންމުވެފައެވެ. އޭގެ ސަބަބުން ހުނަރުތައް ދަނީ މީހުންގެ ކިބައިން ގެއްލެމުންނެވެ.
މީގެ އިތުރުން، ތަފާތު ގޮތްގޮތަށް ވީޑިއޯ ހެދުމާއި ފޮޓޯ ހެދުން މިވަނީ އާންމުވެފައެވެ. އެ މަންޒަރެއް ބަލައިލުމުން ގިނަ ފަހަރު އެއީ އަސްލު ނޫންކަން ނޭނގޭ މިންވަރަށް އޭއައި ބޭނުންކޮށްގެން ވީޑިއޯތައް މިހާރު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަދާލެވެއެވެ. އަދި އެ މަންޒަރުތައް މީސްމީޑިއާގައި ހިއްސާކުރުމުން އެއްވެސް ބަލައިލުމެއްނެތި މީހުން އެ މަންޒަރުތައް ދައުރުކުރާން ފެށުމުން މީހުންގެ އަބުރު ގެއްލި ނުހަނު ބޮޑެތި ގެއްލުންތައް ލިބޭތަން އެބަ އާދެއެވެ. މުޖުތަމަޢުއާއި ނުގުޅޭ މަންޒަރުތައް ހިމެނޭ ގޮތަށް މިފަދަ މަންޒަރުތައް މުޅި ދުނިޔެއަށް ދޫކޮށްލަނީ އެއްވެސް ވިސްނުމެއްނެތިއެވެ.
އޭއައި އަކީ މި ދެންނެވި މިންވަރަށްވުރެ ފުޅާ ދާއިރާއެއްގައި މިހާރު ކުރި އަރާފައިވާ އަދި ކުރި އަރަމުން އަންނަ އެއްޗެކެވެ. ނަމަވެސް، މި ހިއްސާކޮށްލެވުނީ އޭއައިގެ ސަބަބުން ރާއްޖެފަދަ ކުޑަ މުޖުތަމަޢުއަކަށްވެސް ކުރަމުން އަންނަ އަސަރުތަކެވެ. އަދި މިކަންކަން އިތުރަށް ނުބެލެހެއްޓިޖެނަމަ، ނުވަތަ ވިސްނުން ނުބަހައްޓައިފިނަމަ، އޭގެ ސަބަބުން ކިތަންމެ ބޮޑު ގެއްލުމެއްވެސް ކުރިމަތިވެދާނެކަމެވެ.
