1990 ވަނަ އަހަރު ހުޅުވުނު ހަނިމާދޫ އެއަރޕޯޓުގެ މިވީ ތާރީޚުގައި ރެއަކީ ފާހަގަކޮށްލަންޖެހޭ ރެއެކެވެ. އައު ރަންވޭއަކާއި އައު ޓާމިނަލްއެއް ތަރައްޤީކުރެވި ރަސްމީކޮށް ހުޅުވިގެންދިޔަ ރެއެވެ. މިވީ 35 އަހަރުގައި އެކި ދުވަސްވަރުމަތިން އެއަރޕޯޓުގެ މަސައްކަތްތައް ތަރައްޤީކުރަމުން އައިސް، އިންޓަނޭޝަނަލް އެއަރޕޯޓަކަށް 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ބަދަލުކުރެވުނު ނަމަވެސް، މިވީހާތަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި އެއަރޕޯޓުގެ ބޭނުން ކުރެވިފައެއްނުވެއެވެ. ކައިރި ބައެއް ގައުމުތަކަށް، ޚާއްސަކޮށް އިންޑިޔާއަށް ދަތުރުތައް ކުރި ނަމަވެސް، ބޮޑެތި ބޯޓުތައް ކުރީގެ ޖެއްސޭނެ ޤާބިލުކަމެއް ކުރިއަކު ނެތެވެ. ނަމަވެސް، ރޭ ރަސްމީކޮށް އައު ޓާމިނަލް ހުޅުވިގެންދިޔައިރު، ބޮޑެތި ބޯޓު ފަހަރުވެސް ޖެއްސޭ މިންގަނޑަށް ރަންވޭ ވަނީ ތަރައްޤީ ކުރެވިފައެވެ.
މި މަޝްރޫޢުއަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސް އިބުރާހިމް މުޙައްމަދު ޞާލިހު އިފްތިތާހުކުރެއްވި މަޝްރޫޢުއެކެވެ. އަދި ވެރިކަން ބަދަލުވެގެން އައި ނަމަވެސް، މި މަޝްރޫޢުއަށް މިއަދުގެ ސަރުކާރުންވެސް ޚާއްސަ އަހަމިއްޔަތުކަމެއްދީގެން ގެންދިޔައީ ކުރަމުންނެވެ.
ހަނިމާދޫ އެއަރޕޯޓަށް މިއައި ތަރައްޤީއާއި ގުޅިގެން މުޅި ބޮޑު ތިލަދުންމައްޗަށް މިވަނީ އައު އުއްމީދެއް ލިބިފައެވެ. އެންމެ ބޮޑަށް މި ސަރަހައްދުގައި ވަޅުޖެހިފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް އިންޤިލާބެއް ގެނެސްދޭނެކަމަކަށް މިކަން ވެގެންދާނެއެވެ. ރިސޯޓުތައް ހެދުމަށް އިންވެސްޓަރުން ފަސްޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ދަތުރުފަތުރުކުރުމަށް އޮތް ހުރަހެވެ. ބޭރު ގައުމުތަކުން ސީދާ މި ސަރަހައްދަށް ދަތުރުކުރެވޭނޭ ގޮތެއް ނެތުމުންނެވެ. ކުރިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައިސް، އަނެއްކާ ފްލައިޓުގައި ހަނިމާދޫއަށް އަދި އޭގެ ފަހުން ލޯންޗުގައި ދަތުރުކުރަން ޖެހެއެވެ. ނުވަތަ އެއަރ ޓެކްސީގައި ދިގު ދަތުރެއް ކުރަން ޖެހެއެވެ. ނަމަވެސް، އެއަރޕޯޓު ތަރައްޤީ ކުރެވިގެން ދިޔުމާއެކު، ފަތުރުވެރިން ކުރަންޖެހޭ ދަތުރު ކުރުވެ، އަވަހަށް ރިސޯޓުތަކަށް ދެވޭނެއެވެ.
ނަމަވެސް، މި ސަރަހައްދުގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަ ޖެހުން ލިބެން އޮތީ، މި ދެންނެވި ގޮތަށް އެކި ގައުމުތަކުން ސީދާ ހަނިމާދޫއަށް ދަތުރުތައް ފަށައިގެންނެވެ. އެހެންނަމަވެސް، މިވަގުތު މި ސަރަހައްދުގައި ހިނގަހިނގާ އޮތީ މަދު ރިސޯޓުތަކެކެވެ. ރިސޯޓު ހެދުމަށް ގިނަ ފަޅުރަށްތަކެއް ދޫކުރެވިފައިވީނަމަވެސް، މިވީހާތަނަށް އެދެވޭ މަސައްކަތްތަކެއް އެރަށްތަކުގައި ކުރެވެމުން ނުދެއެވެ. ހެދުނު ބައެއް ރިސޯޓުތައްވެސް ފަޅުވެއްޖެއެވެ.
ފަތުރުވެރިކަން މި ސަރަހައްދުގައި ފައްކާވެގެން ދިޔުމާއެކު، ރިސޯޓުތަކުގައި ވަޒީފާތައް އުފެދިގެންދާނެއެވެ. ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް މަގުފަހިވެގެންދާނެއެވެ. އަދި އަތޮޅުގެ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ފަތުރުވެރިންނަށް ޚާއްޞަ ކަންކަން ފެށިގެންދާނެއެވެ. ތަފާތު މަސައްކަތްތެރިންގެ މަސައްކަތްތައް ދައްކާލުމާއި، ވިއްކޭނޭ އިންތިޒާމު ހަމަޖެހިގެން ދިޔުމުން ފިހާރަތައް އިތުރުވެ، ރަށަށް ވަންނަ ބޭރު ފައިސާ އިތުރުވެގެންދާނެއެވެ. އޭގެ ސަބަބުން މީހުންގެ އާންމު ދިރިއުޅުމުގެ ހާލަތު ބޮޑުތަނުން ކުރިއަރައިދާނެކަން ޔަގީނެވެ.
މިއީ ބޮޑުތިލަދުންމަތީގެ ކޮންމެ ރައްޔިތަކުވެސް މިއަދު ކުރަމުންދާ އުއްމީދެވެ. ނަމަވެސް، މި ހުވަފެން ދެކޭތާ ކިތަންމެ ދުވަހެއް ވެފައިވުމުގެ ސަބަބުން، ގިނަ ބަޔަކު ތިބީ މާޔޫސީކަންމަތީގައެވެ. މި މާޔޫސްކަމަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް، ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރެވިގެން ދިޔުމުން ލިބިއްޖެކަން ޔަޤީނެވެ.
