ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީން އެ މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

އެ ޓީމުން އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2012 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލްގައި ޕެނަލްޓީޖަހައިގެން 4-3 އިން ބަޔާން މިއުނިކް އަތުން މޮޅުވިއިރު އޭގެކުރީން 2008 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވެއެވެ.

ޗެލްސީން އެންމެ ފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު މުގުލުގައި ހުރީ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި ކޯޗު ރޮބާޓޯ ޑި މަޓެއޯ އެވެ. އެ ޓީމުން މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ލީގުގެ މެދުތެރެއިން ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ.

ޕޯޓޯގެ އެސްޓާޑިއޯ ޑްރަގާއޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ކާއީ ހަވާޓްޒް އެވެ. މިއީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ދިން ބޯޅައަކުން ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އަށް އަނިޔާވެގެން ބަދަލުކޮށްފައިވާއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޑެންމާކުގެ ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސެން އެވެ. 

ސިޓީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތަށް އިތުރަށް ހުރަސްއެޅުނީ އެ ޓީމުގެ އިތުބާރު މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަންޖެހުމުންނެވެ. މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ އަލްޖީރިއާ ވިންގާ ރިޔާދް މާރޭޒް އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އަދި އޭގެއިތުރުން ޗެލްސީގެ ލީޑްފުޅާކުރުމަށް އެ ޓީމުގެ ޖަރުމަނު ފޯވާޑް ޓީމޯ ވާނާ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ރޭގެ މެޗުން ޗެލްސީ މޮޅުވުމާއެކު އެ ޓީމުގެ ކޯޗު ޓުޗެލް އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފައިނަލަށް ޕީއެސްޖީއާއެކު ނިކުމެ ބަޔާން އަތުން ބަލިވެ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޓުޗެލް ޔޫރަޕްގައި ހޯދި ފުރަތަމަ ތަށްޓެވެ.

މިއާއެކު، ޓުޗެލް ވެފައިވަނީ އެއް އަހަރު ފައިނަލުން ބަލިވެ، ދެން ޖެހިގެން އައި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޖަރުމަނުގެ ތިންވަނަ ކޯޗަށެވެ. ބަޔާންގެ ކުރީގެ ކޯޗު ޔުޕް ހެއިންކްސް އާއި ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕް ވަނީ މި ޝަރަފު ހޯދާފައެވެ.

މީގެއިތުރުން، މިއީ މި ސީޒަނުގައި ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ އަތުން ސިޓީ ބަލިވި ތިންވަނަ ފަހަރެވެ. މި ފަހަރުގެ އެފްއޭކަޕް ސެމީ ފައިނަލްގައި 1-0 އިން ސިޓީ އަތުން މޮޅުވިއިރު، ޕްރިމިއާ ލީގުގައި ސިޓީގެ ދަނޑުގައި އެ ޓީމު މޮޅުވީ 2-1 އިންނެވެ.