މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ އެޕްރެންޓިސް ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށައިފިއެވެ. 

ޤައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހިންގާ އެމް.ޕީ.އެލް އެޕްރެންޓިސް ޕްރޮގްރާމްގައި މި އަހަރު 20 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މިއީ އެމް.ޕީ.އެލް އެޕްރެންޓިސް ޕްރޮގްރާމްގެ 12 ވަނަ ބެޗެވެ. 

މި ޕްރޮގްރާމް ރަސްމީކޮށް ފެށީ އެމް.ޕީ.އެލް ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ޖަވާޒެވެ. މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާންވެސް ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް އޮފަރ ލެޓާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ ޖަވާޒެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަވާޒް ވިދާޅުވީ އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމުގައި އެމް.ޕީ.އެލްއަކީ "ނަމޫނާ ކުންފުންޏެއް" ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. 

"ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް. އަދި މިހާތަނަށް ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން 72 އިންސައްތަ ބައިވެރިންނަށް ވަޒިފާގެ ފުރުސަތު ލިބިފައިވޭ" ޑެޕިއުޓީ މިނިސްޓަރު ޖަވާޒް ވިދާޅުވިއެވެ. 

އެމް.ޕީ.އެލްގެ ސީ.އީ.އޯ ރިޝްވާން ވިދާޅުވީ، އެމް.ޕީ.އެލްގެ އަމާޒަކީ ބަނދަރުގެ އެކި ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ތަމްރީންތައް ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ގާބިލް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުން. އަދި މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އެކަމަށް ގާބިލް ކުދިންނަށް އެމް.ޕީ.އެލް އިން ވަޒީފާގެ ފުރުސަތު ލިބިގެންދާނެ. " ސީއީއޯ ރިޝްވާން ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކުވެސް 5,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމް.ޕީ.އެލްއިން މިފަހަރު ހުޅުވާލި މި ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން ފުރުސަތު ހުޅުވާލެވުނެވެ. އެއީ:

- މެރިން މެކޭނިކް އެޕްރެންޓިސް

- ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް

- އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް

- އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް

- ފަރުނީޗަރު ކާޕެންޓްރީ އެޕްރެންޓިސް

- ވެލްޑިން ޓެކްނިކްސް އެޕްރެންޓިސް

ވިޔަފާރި ބަނދަރުގެ އެކި ދާއިރާތަކުގައި ޒުވާނުންގެ ބައިިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ވަޒީފާ އާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ އެމް.ޕީ.އެލްގެ މުހިންމު އަމާޒެކެވެ.