ހަލުއިކަމާއެކު ފެތުރޭ، ކޮވިޑްގެ އާވޭރިއަންޓެއް ވިއެޓްނާމުން ފެނިއްޖެއެވެ. ކަމާއިބެހޭ ފަރާތްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެގައުމުން ފެނިފައިވަނީ އިންޑިއާ ވޭރިއަންޓާއި އިނގިރޭސި ވިލާތުން ފެނުނު ވޭރިއަންޓުގެ "މަސްހުނި" ވޭރިއަންޓެކެވެ.
ވިއެޓްނާމް ހެލްތް މިނިސްޓަރ، އެންގުޔެން ތަން ލޯންގް ވިދާޅުވީ މިފަހުން ހެދި ޓެސްޓު ތަކަކުން ސައިންސްވެރިންނަށް އާވޭރިއަންޓެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެއީ އިންޑިޔާ ވޭރިއަންޓާއި އިނގިރޭސިވިލާތުގެ ވޭރިއަންޓު އެކުވެގެން އުފެދުނު ވަރަށް ނުރައްކާތެރި ވޭރިއަންޓެކެވެ.
ލެބޯޓަރީ ޓެސްޓު ތަކުން ދައްކާ ގޮތުން މިބަލީގެ އެހެން ވޭރިއަންޓު ތަކަށް ވުރެ މާ ހަލުވިކަމާއި އެކު މި ވޭރިއަންޓު ފެތުރެއެވެ. އެގައުމުގެ ހެލްތް މިނިސްޓްރީ އިން މިހާރު އަންނަނީ މިވޭރިއަންޓުގެ މައުލޫމާތު އާންމުކުރުމަށް ތައްޔާރުވަމުންނެވެ.
އެޕްރީލް މަހުން ފެށިގެން އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިހާތަނަށް އެގައުމުން 6،856 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުން ކޮވިޑުގެ 7 ވޭރިއަންޓުވަނީ ދެނެގަނެވިފައިވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯއިން ބުނާގޮތުގައި ހަލުވިކަމާއި އެކު ފެތުރެމުން މިދާ ކޮވިޑުގެ 4 ވައްތަރަކީ މުޅި ދުނިޔެ ކަންބޮޑުވާން ޖެހޭ ވޭރިއެންޓް ތަކެކެވެ. އެގޮތުން ފާހަގަ ކޮށްފައިވަނީ، އިންޑިއާ އިނގިރޭސިވިލާތް، ދެކުނު އެފްރިކާ އަދި ބްރެޒިލްއިން އެންމެ ފުރަތަމަ ދެނެގަނެވިފައިވާ ވޭރިއަންޓް ތަކެވެ.
ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ވިއެޓްނާމުން ފެނުނު ކޮވިޑް ވޭރިއެންޓުގެ އެސެސްމެންޓް އަދި ނުހަދާ ކަމަށެވެ. އެ މަސައްކަތް އެގައުމުގެ ހެލްތް މިނިސްޓްރީ އާއި ގުޅިގެން ކުރިޔަށް ދާ ކަމަށާއި، އިތުރު މައުލޫމާތު ވަރަށް އަވަހަށް ލިބޭނެ ކަމަށް އެ ޖަމިއްޔާގެ ޓެކްނިކަލް ޓީމުން މައުލޫމާތު ދެއެވެ.
