މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭން ނިންމައި، އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށެވެ.
"އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭ 18 އަހަރުން މަތީގެ މީހުންނަށް އަމާޒު ކޮށްގެން، އެންމެ ބޭނުންވެފައިވާ މީހުން އެންމެ ފުރަތަމަ ލިބޭނެ ނިޒާމެއްގެ ތެރެއިން އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި އަޅުގަނޑު ވައުދުވީ ގޮތަށް ހުޅުވާލަނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ގޯތިތައް ދޭނީ ރަސްމާލެއިން ކަމަށާއި ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި އެކަމަށް ބޭނުންވާ ބިން ހިއްކާ ނިމޭނެ ކަމަށެވެ.
"އެ 15،000 ގޯތި ދޭނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި މާލޭގެ ދަފްތަރުގައި ތިބި މީހުންނާއި ލާޖައްސައިގެން ގޯތި ބޭނުންވާ މީހުންނަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ ސްޕީޑް އަންނަ މަހު ތިން ގުނަ އަވަސްވާނެ ކަމަށެވެ.
