މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ޒުވާނުންގެ މެދުގައި އާއްމު އެއް ސުވާލަކީ މައިންބަފައިންނަށް ބޮޑެތި ދަރަނިތައް ކުރިމަތިކޮށްގެން މަތީ ތަޢުލީމު ހާސިލުކުރުމަކީ ކުރާވަރު ކަމެއްތޯއެވެ. ތަޢުލީމު ހާސިލުކުރުމަކީ އިންސާނާގެ ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ އެއް ބަހާއެވެ. ނަމަވެސް، މިހާރުގެ ސިޔާސީ މާހައުލާއި ވަޒީފާގެ ބާޒާރުގެ ހާލަތަށް ބަލާއިރު، ތަޢުލީމީ ގޮތުން މޮޅެތި ޒުވާނުންނަށް ފުރުސަތު ނުލިބި، ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތްތަކަށް އިސްކަންދެވޭތީ، މި ސުވާލުގެ އަޑު މިވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
ދިވެހިރާއްޖޭގެ ލިޔަންކިޔަންދަންނަ މިންވަރު %97 އަށް އަރާއިރު، މިއީ ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ނަމަވެސް، ކިޔަވާ ނިމިފައިވާ ގިނަ ޒުވާނުންނަށް ފެންނަމުންދަނީ ތަޢުލީމަށް ކުރި އިންވެސްޓްމަންޓާ އެއްވަރަށް މާލީ އަގުވަޒަންކުރުމެއް ނެތި، އަދި އެބައިމީހުންގެ ޤާބިލިއްޔަތަށް ބެލުމެއް ނެތި، ވަޒީފާގެ ފުރުސަތުތަކުން މަހުރޫމްވާ މަންޒަރެވެ. މިކަމުގެ ސަބަބުން ތަޢުލީމީ ޒުވާނުންގެ މެދުގައި ނާއުންމީދާއި މޮޅިވެރިކަން އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ތަޢުލީމެތް ނެތް، ނަމަވެސް ސިޔާސީ ގޮތުން ނުފޫޒު ގަދަ ފަރާތްތަކަށް ފުރުސަތު ލިބޭކަން ގިނަ ބަޔަކަށް ފެންނާތީ، ތަޢުލީމުގެ އަގު ކުޑަވެގެން ގޮސްފިއެވެ.
ތަޢުލީމީ ޒުވާނުން އެތައް އަހަރުތަކެއް ވަންދެން ކިޔެވުމަށް ވަގުތާއި ފައިސާ ހަރަދުކުރެއެވެ. ބައެއް ފަހަރު މިކަމަށްޓަކައި މައިންބަފައިން ބޮޑެތި ދަރަނިވެރިތައް ނަގާ ދަރަނިވެރިވެއެވެ. ނަމަވެސް، ވަޒީފާގެ ބާޒާރަށް ނުކުންނައިރު، ޤާބިލިއްޔަތަށްވުރެ ގުޅުންތަކަށް އިސްކަންދެވޭތީ އެބައިމީހުން ހިތްދަތިވެއެވެ. މިކަމުން ދައްކުވައިދެނީ ތަޢުލީމުގެ އަގު، މި ފަސްގަނޑުން ފޮހެވެމުންދާ މަންޒަރެވެ.
މިކަމާ ގުޅިގެން ކޯޕޮރޭޓް މޯލްޑިވްސްގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ތަޢުލީމުގެ ފެންވަރު ދަށްވުމާއި ސިޔާސީ ނުފޫޒުގެ ސަބަބުން ވަޒީފާގެ ބާޒާރުގެ ޤާބިލުކަން ކުޑަވެ، އިޤްތިޞާދަށް ނޭދެވޭ އަސަރުތައް ކުރަމުންދެއެވެ. ތަޢުލީމު ހާސިލުކޮށްފައި ނުވާ ފަރާތްތައް ސިޔާސީ ގުޅުންތަކުގެ ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތަކުގެ ބޮޑެތި މަޤާމުތަކަށް އައްޔަންކުރެވޭ މަންޒަރު ގިނަ ބަޔަކަށް ވަނީ ފެނިފައެވެ. މީގެ ސަބަބުން، ޤާބިލު މީހާއަށް އިސްކަންދެވޭ ނިޒާމެއް ނެތް ކަމުގެ އިހުސާސް ވަޒީފާ ހޯދާ ޒުވާނުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.
މި ހާލަތުގެ ނަތީޖާއެއްގެ ގޮތުން، މަތީ ތަޢުލީމު ހާސިލު ނުކުރުމަށް ނިންމާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އުމުރުން 15-24 އަހަރުގެ ޒުވާނުންގެ ތެރެއިން %21 މީހުންނަކީ ވަޒީފާއެއް ނެތް ނުވަތަ މަތީތަޢުލީމު ހާސިލު ނުކުރާ ބަޔެކެވެ. ތަޢުލީމަށް އޮތް އިތުބާރު ގެއްލުމަކީ ހަމައެކަނި ދަރިވަރުންނާއި އާއިލާތަކަށް ކުރިމަތިވާ ހިތާމައެއް ނޫނެވެ. މިއީ ޤައުމީ މައްސަލައެކެވެ. މިކަމަށް ހައްލެއް ނުލިބި ދިގުދެމިގެން ހިނގައްޖެނަމަ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ވަޒީފާގެ ބާޒާރު ބަލިކަށިވެ، ތަޣައްޔަރުކަން އިތުރުވެ، ކުރިއެރުން ހުއްޓިގެންދާނެއެވެ.
ތަޢުލީމަށް އަލުން އިތުބާރު އުފެއްދުމަށްޓަކައި ބޮޑެތި އިޞްލާޙީ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ވަޒީފާތައް ދިނުމުގައި ދެފުށްފެންނަ ނިޒާމެއް ޤާއިމުކޮށް، ސަރުކާރުގެ މަޤާމުތަކަށް މީހުން ހޮވުމުގައި ޒިންމާދާރުކަން އިތުރުކޮށް، އަދި ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އަލުން އަޒުމު އާކުރަންޖެހެއެވެ. މިކަންކަން ހައްލުނުވާހާ ހިނަދަކު، ގިނަ ޒުވާނުންގެ ޝުއޫރަކީ މިއީއެވެ. "ޤާބިލިއްޔަތަށްވުރެ ގުޅުންތަކަށް އިސްކަންދެވޭނަމަ، ކިޔަވައިގެން ކުރާނީ ކީއްތޯއެވެ؟" އާނެކެވެ. ކިޔަވާނެކަމެއް ނެތެވެ. ކީއްކުރަން ހެއްޔެވެ؟ މިކަން މިހެން ހުރުމާއި އެކު، މައިންބަފައިން ދަރަނިވެރިކޮށްގެން މަތީ ތަޢުލީމު ހާސިލުކުރުމުގެ ބޭނުމެއް ފަހެ ކޮބައިތޯއެވެ؟
