ތުރްކިޔޭގެ ސުކޫލެއްގައި ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެން، އުމުރުން 13 އަހަރުގެ އޯޓިޒަމް ހާލަތު ހުރި ދަރިވަރަކު ސިޑިން ވައްޓާލި ކަމުގެ ތުހުމަތުގައި އެ ސުކޫލުގެ ޕްރިންސިޕަލް ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވާ މަންޒަރު ސުކޫލުގެ ސީސީޓީވީ ކެމެރާތަކަށް ވަނީ ރެކޯޑުވެފައެވެ.
ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، ޕްރިންސިޕަލް ވަނީ އުމުރުން 13 އަހަރުގެ އޯޓިޒަމް ހުރި އެ ދަރިވަރުގެ ގައިގާ ހިފާ ދަމާ ކޮއްޕާލުމަށްފަހު ސިޑިން ތިރިއަށް ވައްޓާލާފައެވެ. މި ހާދިސާ ހިނގާފައިވަނީ ސުކޫލުގެ ތެރޭގައެވެ. ދަރިވަރަށް ކުރިމަތިވި މި އަނިޔާއާ ގުޅިގެން މުޅި މުޖުތަމަޢު ވަނީ ސިހިފައެވެ.
މި ހާދިސާއާ ގުޅިގެން އެ ޕްރިންސިޕަލް ވަނީ ވަޒީފާއިން ވަކިކޮށް، ހައްޔަރުކޮށްފައެވެ. ކޯޓުގައި އޭނާ ވަނީ ހަނުހުރެފައެވެ. ތުރްކިޔޭގެ ޖަސްޓިސް މިނިސްޓަރ ވަނީ މިކަމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކާ ދެކޮޅަށް ކުރެވޭ މިފަދަ އެއްވެސް އަމަލަކުން ކުށްވެރިން ސަލާމަތް ނުވާނެ ކަމަށާއި، މިފަދަ ކަންކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެއްމެ މަތީ އަދަބު ދޭނެކަމަށެވެ.
މިފަދަ ހަމަނުޖެހުންތަކާއި އަނިޔާވެރިކަން ސުކޫލުތަކުގައި އިތުރުވަމުންދާކަން ހާމަވާ އިތުރު ހާދިސާއެއް ވެސް ތުރްކިޔޭގައި ވަނީ ހިނގާފައެވެ. މިދިޔަ މެއި މަހު އިސްތަންބޫލްގައި، އިބްރާހިމް އޮކްތުގަން ނަމަކަށް ކިޔާ ޕްރިންސިޕަލަކު ވަނީ ކުރީގެ ދަރިވަރެއްގެ ބަޑީގެ ހަމަލާއަކުން މަރުވެފައެވެ. އެ ދަރިވަރު ސުކޫލުން ވަކިކުރިތާ މަސްތަކެއް ފަހުން ބަޑިއަކާ އެކު ސުކޫލަށް އައިސް ޕްރިންސިޕަލްއަށް ހަމަލާދީފައިވަނީ އޭނާ ސުކޫލުން ވަކިކުރުމުން އެކަމުގެ ހިތްހަމަނުޖެހުމުގައެވެ. މި ދެ ހާދިސާއިން ވެސް ސުކޫލުތަކުގެ ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަވެފައެވެ.
