ޑްރަގާ ދެކޮޅަށް ރާއްޖޭގައި މިއަދު ބޮޑު އޮޕަރޭޝަނެއް ހިންގަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ފުލުހުންނަށް އަންގައިފިއެވެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެެގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
"އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ" ރައީސް ވިދާޅުވިއެވެ.
ޑްރަގުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ހޯމް މިނިސްޓްރީން ވަނީ "މަސްތުވާތަކެއްޗާ ބެހޭ ގާނޫނު" ހަރުކަށި އިސްލާހުތަކެއް ގެނައުމަށް އިސްލާހުތަކުގެ ޑްރާފްޓް ބިލު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައެވެ
