ފިޓުހެޖުމަކީ އިންސާނާގެ ހިއްސު ދެނެގަންނަ ނާރުތަކުގެ މެސެޖުތައް ނުވަތަ "އިންޕަލްސް"ތައް އޭގެ ފާލުން ނެއްޓުމުން ދިމައިވާ ކަމެކެވެ. މިއީ އިންސާނާ ގަސްތުގައި ކުރާ ކަމެއް ނޫނެވެ. ދިރާސާވެރިން ބުނާ ގޮތުގައި ކޮންމެ 10 މީހަކުން 1 މީހަކީ އޭނާގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ފިޓުޖެހިފައި ހުންނާނެ މީހެކެވެ.

ފިޓު ޖެހުމުގައި ބޮޑުވަރުވާ މީހުންނާއި ކިރިޔާ އިހުސާސްވެލާ މީހުންވެސް އުޅެއެވެ. މި ލިއުމުގައި މި ބަލާލަނީ ފިޓުޖެހި ބޮޑުވަރު ވާ މީހާއާއި މެދު އަމަލުކުރަންވީ ގޮތުގެ މައްޗަށެވެ.

މީހަކަށް ފިޓު ޖެހި އޭނާގެ ހަށިގަނޑުން އާދަޔާހިލާފު ބާރަކާއި ހަރަކާތްތަކެއް ފެންނަ ނަމަ ހަމަ ބިމެއްގައި އޭނާ ބާއްވާ ލާށެވެ. މިގޮތަށް ބާއްވާލާ އިރު އަރިއަކަށް ބޭއްވޭނަމަ އެގޮތް އިހްތިޔާރު ކުރާށެވެ. އެހެނީ އޭރުން ނޭވައިލާން ފަސޭހަ ވާނެތީއެވެ. ފިޓުޖެހެމުންދާ މީހާގެ ކައިރީގައި ހުންނަ ތަކެތި ދުރައްލާ އޭނާގެ ކައިރި ސަރަހައްދު ސާފު ކޮށްލާށެވެ. މިގޮތަށް ހަދަން މި ޖެހެނީ ބައެއްފަހަރު އެހެން ހުންނަ ބައެއް އެއްޗެހީގެ ސަބަބުން ފިޓުޖެހެމުންދާ މީހާއަށް ހާނިކައެއް ވެދާނެތީއެވެ.

ހަމަ ބިމެއްގައި ބާއްވާލާއިރު، ބޮލާއި ކަނދުރާގެ ދަށަށް މަޑު ބާލީހެއް ކަހަލަ އެއްޗެއް ލައްވާލާފައި ބެހެއްޓުން ވެސް މޮޅުއިތުރެވެ. އަދި އަވި އައިނު ނުވަތަ ނުވަތަ ނަންބަރު އައިނު އަޅައިގެން ހުންނަ މީހެއް ނަމަ އައިނު ނަގައިދިނުންވެސް މުހިންމެވެ. އެހެނީ އޭގެ ސަބަބުންވެސް ފިޓުޖެހެމުންދާ މީހާއަށް އަނިޔާއެއް ވެދާނެއެވެ. ކަރުގާ ފަށެއް އަޅާފައިވާ މީހެއް ނަމަ އެ ފަށެއްވެސް ނަގައިދީ ބާރު އަންނައުނު ލާފައި ހުންނަ ނަމަ، މެއާއި ދިމާލުން ދޫކޮށްލަ ދޭން ވާނެއެވެ. މިހެން މި ހަދަނީ އޭނާގެ ހާސްކަން ކުޑަކޮށްދޭށެވެ.

ފިޓުޖެހެމުންދާ މީހާގެ ފިޓުޖެހި ނިމެންދެން އޭނާ އޭނާގެ ހާލައިގެން ދޫކޮށްލާށެވެ. އަދި އެކަން ނިމުމުން ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަން އަވަސްވެ ގަންނަން ވާނެއެވެ. ހަމަ އެއާއި އެކު ޖެހެމުންދާ ފިޓުގެ ވަގުތު 5 މިނެޓަށްވުރެ އިތުރުވާނަމަވެސް ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީއަށް އެދެން ވާނެއެވެ.

މީހަކު ފިޓުޖެހެމުންދާނަމަ، އޭނާގެ އަތުގައި ހިފަހައްޓައި އޮބަހައްޓާ ދަނޑިމާރު ނާޅާށެވެ. އަދި އަނގައިގެ ތެރެއަށް އެއްވެސް އެއްޗެއް ލާ ނުހަދާށެވެ. ހަމައެއާއި އެކު އޭނާއަށް ފެންފޮދެއްވެސް އެވަގުތުގައި ދިއްކޮށް ނުލާށެވެ. އަދި ވީވަރަކުން ކައިރީގައި ތިބިމީހުންވެސް ހަމަޖެހޭށެވެ. ފިޓުޖެހެމުންދާ ވަގުތު ފިޓުޖެހެމުންދާ މީހާއަށް އެއްވެސް ކަމެއް ގަދަބާރުން ނުކުރާށެވެ. އޭނާ އޭނާގެ އަމިއްލަ ހާލައިގެން ދޫކޮށްލާށެވެ.