މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި ފުލުހުން ކުރިއަށްގެންދާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން އަލިމަގު" އާ ބެހޭ ގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން އެދޭ އެދުމަކީ މިކަމުގައި މިއުޅޭ ކުދިން ވެސް މިކަން ހުއްޓާލާފައި އެހެން ކަމަކައިގެން މިއަދުން ފެށިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެ މީހުންނަށް އުޅެން އުނދަގޫކުރާނަން، މި މަސައްކަތުގައި އުޅޭ ކަމަށް ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުން މިއަދު ފެށިނ އޮޕަރޭޝަނަކީ ފެށުމެއް ކަމަށާއި އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށެވެ.
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް މިއަދު ހެނދުނު ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 90 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތިވެސް ވަނީ ހޯދައިފައެވެ.
