އިޖުތިމާއީ އަދި އާއިލީ ތަރައްގީ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ޝާމިލް 2025" ހަރަކާތްތައް ފަށައިފިއެވެ.
ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ މި ހަރަކާތްތައް ރަސްމީކޮށް ފައްޓަވާފެއްވާދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމްއެވެ.
"ޝާމިލް 2025" އަކީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި މުނިފޫހިފިލުވުމުގެ އައިޓަމްތައްވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެއެވެ.
"ޝާމިލް 2025" ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި އަންނަ ހޮނިހިރާއި އާދިއްތަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
އެ ގަޑިތަކުގައި ކޮންމެ ބޭފުޅަކަށްވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، މި ފަރާތްތަކުގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
