ހޮލީވުޑްގެ މަޝްހޫރު ތަރި ކިމް ކާޑޭޝިއަން، އޭނާގެ ޤާނޫނީ ވަކީލުކަމުގެ އިމްތިޙާނުން ފެއިލްވުމުގެ ކުށް، ޖެނެރޭޓިވް އޭއައި އެންޖިންއެއް ކަމަށްވާ ޗެޓްޖީޕީޓީގެ ބޮލުގައި އަޅުވައިފިއެވެ. އުމުރުން 45 އަހަރުގެ ކާޑޭޝިއަން މިކަން ހާމަކުރީ "ވެނިޓީ ފެއަރ" ގެ "ލައި ޑިޓެކްޓަރ ޓެސްޓް" އިންޓަވިއު ސީރީޒްގައެވެ.

މި އިންޓަވިއުގައި ކާޑޭޝިއަންގެ އެލްސް ފެއަރ ކޯސްޓާރ ޓޭޔާނާ ޓޭލަރ އޭނާ އާއި ސުވާލުކުރީ، ޗެޓްޖީޕީޓީ އޭނާ "ދިރިއުޅުމުގެ ނަސޭހަތް" ނުވަތަ "ޑޭޓިންގް ނަސޭހަތް" ހޯދުމަށް ބޭނުންކުރޭތޯ ނުވަތަ ބޮޓަކަށް ވިޔަސް އެއީ އޭނާގެ "ރައްޓެއްސެއް" ގޮތުގައި ދެކެމުތޯއެވެ.

މި ތިން ސުވާލަށް ނޫންކަމަށް ޖަވާބު ދިނުމަށްފަހު، ކާޑޭޝިއަން ވަނީ އޭނާ ޗެޓްޖީޕީޓީ "ޤާނޫނީ ލަފާ" ހޯދުމަށް ބޭނުންކުރާކަން ހާމަކޮށްފައެވެ. އަދި އޭނާ ޗެޓްޖީޕީޓީ ބޭނުންކުރާއިރު ބޭނުންވާ މައުލޫމާތު އެކަށީގެންވާ ގޮތަސް ނުލިބުމުން ރުޅިގަދަވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި އިންޓަވިއުގައި ބޭނުންކުރި ލައި ޑިޓެކްޓަރ ޓެސްޓްގެ އޮޕަރޭޓަރ ހޯދިގޮތުގައި، ކާޑޭޝިއަން ޗެޓްޖީޕީޓީ ބޭނުންކުރާކަމަށް ބުނެ ދޮގު ހަދާފައެއް ނުވެއެވެ. ޓީއެމްޒެޑް  އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކެލިފޯނިއާ ބާރ އިމްތިޙާނުގައި ފަސް ގަޑިއިރުގެ އެސޭ ސުވާލު،  ނުވަދިހަ މިނިޓްގެ ޕަރފޯމަންސް ޓެސްޓް އަދި 200 މަލްޓިޕަލް ޗޮއިސް ސުވާލު ހިމެނެއެވެ.