ވަޒީފާއަށް ދާން ގެއިން ނުކުންނަ އިރު، އަނބިމީހާއަށް ދޮނެއް ދިނުމަކީ ބައެއް މީހުންނަށް އާދައެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް، މި ކުޑަ އަމަލަކީ ހަމައެކަނި ލޯބީގެ ނިޝާނެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، މި އާދަޔަކީ ޞިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ. އޭގެ ތެރޭގައި ސްޓްރެސް ކުޑަވުމާއި، ހިތްހަމަޖެހުން އިތުރުވުމާއި، އަދި އެންމެ ހައިރާންކުރުވަނިވި ކަމަކީ، އުމުރު ދިގުވުން ވެސް މި ކަމުގެ ފައިދާތަކުގެ ތެރޭގައި ހިމެނޭކަމަށް ދިރާސާވެރިން ފާހަގަކުރާ ކަމެވެ. ގެއިން ނުކުތުމުގެ ކުރިން އަނބިމީހާއަށް ދޮނެއް ދިނުމުން ޞިއްޙަތަށް ކުރާ އަސަރުތަކަށް ބަލާލަމާ ހިނގާށެވެ.
ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް ލިބޭ ފައިދާތައް:
. ހިތްހަމަޖެހުން ގެނެސްދޭ ހޯރމޯންތައް އިތުރުވުން: ދޮނެއް ދިނުމަކީ އޮކްސިޓޯސިން (ގުޅުން ބަދަހިކުރާ ހޯރމޯން)، ޑޮޕަމީން (ސިކުނޑިއަށް އުފާވެރިކަން ގެނެސްދޭ ހޯރމޯން) އަދި ސެރަޓޯނިން (ހިތްހަމަޖެހުން ދަމަހައްޓާ ހޯރމޯން) ފަދަ ހޯރމޯންތައް ދޫކޮށްލަން މެދުވެރިވާ ކަމެކެވެ. މި ހޯރމޯންތަކަކީ ސްޓްރެސް ކުޑަކޮށް، ނަފްސާނީ ހަމަޖެހުން އިތުރުކުރުމަށް އެހީތެރިވާ ހޯރމޯނުތަކެކެވެ.
. ކޯޓިސޯލްގެ މިންވަރު ދަށްކޮށްދިނުން: ކޯޓިސޯލްއަކީ ސްޓްރެސް ހޯރމޯނެކެވެ. އަބަދުވެސް ލޮބުވެތި ގުޅުމެއް ދެމެހެއްޓުމުން މި ހޯރމޯންގެ މިންވަރު ދަށްވެ، ހިތުގެ ޞިއްޙަތާއި ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ހެޔޮ އަސަރު ކުރެއެވެ.
. ގުޅުމުގެ ފެންވަރު ރަނގަޅުވުން: ދުވަސް ފަށާއިރު ލޮބުވެތިކަމާއެކު ފެށުމަކީ ފިރިމީހާއާއި އަނބިމީހާގެ ދެމެދުގައިވާ ނަފްސާނީ ގުޅުން ބަދަހިކުރާ ކަމެކެވެ. މިއީ ދިގު މުއްދަތަށް އުފާވެރިކަމާއި ނަފްސާނީ ޞިއްޙަތަށް އެހީތެރިވާ ކަމެކެވެ.
. ހައިރާންކުރުވަނިވި ދިގު މުއްދަތުގެ ފައިދާތައް:
. އުމުރު ދިގުވުމުގެ ފުރުޞަތު ބޮޑުވުން: 1980ގެ އަހަރުތަކުގައި ޖަރުމަނުގައި ކުރެވުނު ދިރާސާއަކުން ހާމަވި ގޮތުގައި، ވަޒީފާއަށް ދާން ނުކުތުމުގެ ކުރިން އަނބިމީހާއަށް ދޮނެއް ދޭ ފިރިހެނުން، މިކަން ނުކުރާ ފިރިހެނުންނަށްވުރެ ފަސް އަހަރު ދިގު މުއްދަތަކަށް ދިރިއުޅެއެވެ. މިއީ ހަމަ އެކަނި ދޮނެއްގެ ސަބަބުން އުމުރު ދިގުވުމުގެ ފުރުޞަތު ބޮޑުވާކަން ދައްކުވައިދޭ ކަމެކެވެ.
. މަސައްކަތަށް ސަމާލުކަން ދިނުމާއި ނަތީޖާ ރަނގަޅުވުން: ނަފްސާނީ ގޮތުން ހަމަޖެހިފައި ހުރުމަކީ މަސައްކަތުގައި ސަމާލުކަން ދިނުމަށް އެހީތެރިވެ، މަސައްކަތުގެ ނަތީޖާ ރަނގަޅުކުރުމަށް މަގުފަހިވާ ކަމެކެވެ.
. އޮޓޯ އެކްސިޑެންޓް މަދުވުމާއި އާމްދަނީ އިތުރުވުން: ކުރިން ބަޔާންކުރެވުނު ދިރާސާއިން ދައްކާ ގޮތުގައި، މި ފިރިހެނުންނަށް ކާރު އެކްސިޑެންޓްވުން ވެސް މަދެވެ. އަދި އެމީހުންގެ އާމްދަނީ ވެސް ބޮޑެވެ. މިކަމަށް މެދުވެރިވަނީ ދުވަހުގެ ފެށުން ހެޔޮކަމާއި ސަމާލުކަމާއެކު ފެށުމުން، މުޅި ދުވަހަށް އޭގެ ހެޔޮ އަސަރު ފޯރުމެވެ.
.....
ލޯބީގެ މި ކުޑަ ހަރަކާތަކީ ހަމައެކަނި "ރޮމޭންޓިކް" ކަމެއް ނޫނެވެ. މިއީ އެދުވަހެއްގެ ނަފްސާނީ ކާނާއެކަށްވެސް ފުދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން މުޅި ދުވަހަށް އޭގެ ރަނގަޅު އަސަރު ފޯރުމަށް އެހީތެރިވެދެއެވެ. ވީމާ، ވަޒީފާއަށް ދާން ގެއިން ނުކުންނައިރު، އަނބިމީހާއަށް ދޮނެއް ދިނުމަކީ ލޯބި އިތުރުކޮށް، ޞިއްޙަތަށް ރަނގަޅު އަސަރުތަކެއް ކުރުވާ، އަދި އުމުރު ދިގުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
