ޑްރަގާ ދެކޮޅަށް ފުލުހުން މިއަދު ފެށި "އޮޕަރޭޝަން އަލިމަގު"ގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޑްރަގާ ދެކޮޅަށް ފަހުގެ ތާރީހެއްގައި ފުލުހުން ކުރިއަށްގެންދާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން އަލިމަގު" އާ ބެހޭ ގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިޔުއެއްގައި ފުލުހުންގެ ހެޑް އޮފް ޑްރަގްސް އެންޑް ސަބްސްޓެންސް އެބިޔުސް ކޮންޓްރޯލް ޗީފް އިންސްޕެކްޓާ އޮޕް ޕޮލިސް އަހުމަދު ނާއިފް އެ އޮޕަރޭޝަނުގައި ބަލަން ކަނޑައެޅި ތަންތަނުގެ %90 ބަލާ ފާސްކޮށްފައިވާ ކަމަށެވެ، 

ނާއިފް ވިދާޅުވީ އޮޕަރޭޝަނުގެ ތެރެއިން ކެނެބިސް، މެތު އަދި ހެރޮއިން އަށް ޝައްކުކުރެވޭ ތަކެއްޗާއި އެކިއެކި ސިންތެޓިކް ޑްރަގު އަތުލައިގަނެފައިވާ ކަމަށެވެ. މީގެ އިތުރުން ފައިސާ އަދި މަސްތުވާތަކެތި ކުދިކޮށް ބަންދުކުރަން ބޭނުންވާ ސާމާނު ވެސް އަތުލައިގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާއިފް ވިދާޅުވީ އޮޕަރޭޝަނުގެ ތެރެއިން 104 ތަނެއް ބަލާ ފާސްކުރަން ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ހަ މަހުން ފުލުހުން އެއްކުރި އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކަމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.