އަބްދުﷲ ޖާބިރަކީ ސިޔާސީ މައިދާނުގައި ހަރު ނަމެކެވެ. އެއީ ބްރޭންޑެކެވެ. ކާާށިދޫ ދާއިރާގެ ކުރީގެ މެންބަރުވެސްމެއެވެ. ފަތުރުވެރި ސިނާއަތުގެ ބޮޑު ހިއްސާދާރެކެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ އެއް އިރެއްގެ ވެރިޔާވެސް މެއެވެ. ސަރުކާރުގެ މަތީ މަގާމުތައްވެސް ފުރުއްވި ބޭފުޅެކެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޖާބިރު މަސައްކަތްކުރެއްވީ، އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައެވެ. އެމްޑީޕީއަށް ސޮއިވެސް ކުރެއްވިއެވެ. މަޖިލިސް އިންތިހާބަށް ފަހު، ސިޔާސީ މައިދާނުން ޖާބިރު "ގެއްލުނީ" އެވެ.
ތެދެކެވެ. ހަމަ ހަގީގަތުގައިވެސް އޭނާ ގެއްލުނީއެވެ.
"އަޅުގަނޑު މި ހުރިހާ ދުވަހު މިއުޅުނީ ރާއްޖެއިން ބޭރުގައި. ވިޔަފާރީގެ ކަންކަމާއި ފެމިލީއާއެކު ޓައިމް ސްޕެންޑްކުރުމުގަ އެހެން ނޫންތޯ" ރާއްޖެ ވަޑައިގެން "ތީރަށް" ދެއްވި އިންޓަވިޔުއެއްގައި ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ސިޔާސީ މައިދާނުން އޭނާ ގަދަކޮށް ދެން ފެންނާނެ ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފިކުރާ ވަރަށް ދިމާވޭ ޑރ. މުއިއްޒުގެ މަސައްކަތްޕުޅާ. މުރާލި ނެތްތަނުން އެއްޗެހި އުފައްދާ ވަރަށް މަސައްކަތްކުރޭ، އެ މަނިކުފާނުގެ ހަކަތައާ މަސައްކަތްކުރާ ގޮތް ވަރަށް ކަމުދޭ އަޅުގަނޑަށް. ދެ ހާލަތެއްގައި ރާއްޖެ އޮތީ ޑެޓް ޓްރެޕެއްގަ ދެއްތޯ. ނަގާ ކޮޅަށް ޖަހާ ގޮތް ވަރަށް ކަމުދޭ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ވަރަށް އަވަހަށް ޕީއެންސީއަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި މާދަމާ ޕީއެންސީން މާލޭގައި ބާއްވާ ބޮޑު ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
