ކެނެޑާގެ އޮންޓާރިއާއަށް ނިސްބަތްވާ އުމުރުން އެންމެ 9 އަހަރުގެ އެލިއަޓްގެ ވާހަކަ އިންޓަނެޓުގައި ވައިގައި ހިފާލީ ސުކޫލުގައި ދިން ވޮކެބްލަރީ ކުއިޒެއް ނުވަތަ ސްޕެލިން ޓެސްޓެއްގައި ބަހެއް ލިޔުނު ގޮތަކުންނެވެ. "ބަލާބަލަ އަހަރެންގެ ދަރިފުޅު... ބަލާބަލަ 13 ވަނަ ބަސް" މިހެން ލިޔެފައި އެލިއަޓްގެ މަންމަ ޓާރާ ހެޝްކާ މީސްމީޑިއާއަށް ދޫކޮށްލި ފޮޓޯގަނޑަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ.
ހަތަރުވަނަ ގުރޭޑުގައި ކިޔަވަމުންދާ އެލިއަޓް ސްޕެލިންގ ޓެސްޓު ކަރުދާހުގައި 13 ވަނައަށް ލިޔެފައި އޮތްބަހަކީ "އެކޯ" އެވެ. ނަމަވެސް އެންމެފަހަރަކު އެބަސް ލިޔުމުގެ ބަދަލުގައި އެލިއަޓްވަނީ އަށްފަހަރު އެބަސް ތަކުރާރުކޮށްފައެވެ. ލިޔަމުން ދިޔައިރު ކުޑަކުރަމުން ގޮސް އަޑު އެކޯވާއިރު ވާކަހަލަ ގޮތަކަށެވެ. އެ ފޮޓޯއަށް ކޮމެންޓްކުރި ގިނަ ބަޔަކު އެލިއަޓްގެ ތޫނުފިލިކަމަށާއި އޭނާގެ ސަކަ މިޒާޖާއި، ކުރެހުމާއި ޑިޒައިންކުރުމުގެ ހުނަރަށް ތައުރީފުކޮށްފައެވެ. އަދި އޭނާގެ ކްރިއޭޓިވިޓީއަށް އިތުރު މާރކްސް ދޭންވާނެކަމަށްވެސް އެއްބަޔަކުވަނީ ބުނެފައެވެ.

މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުމުން، އެލިއަޓްގެ މަންމަ ޓާރާ ބުނެފައިވަނީ، އެ ޓެސްޓުން އޭނާގެ ދަރިފުޅުގެ ހަގީގީ ސިފަ ފެނިގެންދާކަމަށާއި، އެލިއަޓްއަކީ އަބަދުވެސް ތަފާތުކޮށް ވިސްނާ ކުއްޖެއްކަމަށެވެ. އަދި އެކަހަލަ ވިސްނުމެއް އޭނާގެ ދަރިފުޅަށް އައީ ކިހިނެއްކަމެއް ނޭނގޭކަމަށާއި، ނަމަވެސް ކޮންމެ ކަމެއް ކުރިޔަށް އެންމެ ރަނގަޅަށް އަބަދުވެސް ކުރާނެކަން އެނގޭކަމަށެވެ.
ފޮޓޯ ވައިރަލްވެ ގިނަ ބަޔަކު އެކަމަށް ސަމާލުކަން ދިނުމުން އެލިއަޓްވެސް ހުރީ ވަރަށް އުފަލުންނެވެ. އިންޓަނެޓުގައި ތިމަންނަ މަޝްހޫރުވެއްޖެކަމަށްބުނެ އެހެންކުދިން ގާތު 'ފޮނި ކަނޑާ'ކަމަށްވެސް އެލިއަޓްގެ މަންމަ ބުނެފައިވެއެވެ.
