ދިރިއުޅުމުގެ ޚަރަދުބަރަދު ބެލެހެއްޓުމަކީ ބުރަ އަދި ބޮޑު ޒިންމާއެކެވެ. ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ވިސްނުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އެއްޗަކުން ގިނަ ފަހަރު ފުއްދޭގޮތް އޮންނަނީ ނުވެފައެވެ. މިކަމުގެ ސަބަބުން ކޮންމެވެސް މީހެއް އެހީތެރިކަމަށް އެދެންޖެހެއެވެ. މީހަކު އަތުން ލާރިކޮޅެއް ކޮންމެވެސް ގޮތަކުން ހޯދައިގެން އެ ބޭނުމެއް ފުއްދަންޖެހެއެވެ. ނުވަތަ ބޭންކަކުން ލޯނެއް ނަގައިގެންވިޔަސް އެ ހާއްޖަތެއް ފިލުވަން ބޭނުންވެއެވެ. މިކަމުގެ ސަބަބުން އެކިއެކި ދަރަނިތަކުގައި ބެދެވިގެންދެއެވެ.
ފަހުން ދައްކަންޖެހޭ ގޮތަށް ފައިސާ މީހެއް އަތުންވިޔަސް ނުވަތަ ބޭންކަކުންވިޔަސް، ނަގަން ޖެހޭ އެންމެ މައިގަނޑު އެއް ސަބަބަކީ، ފަހަށް ރައްކާކުރުމުގެ ސަގާފަތްނެތުމެވެ. ލިބޭ މުސާރައިން މަސްދުވަހުގެ ޚަރަދު (ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް) ކުރުމަށްފަހު ބާކީވާ ފައިސާ ރައްކާ ކުރެވެމުން ނުދިޔުމެވެ. އާންމުކޮށް ދިވެހިންގެ ތެރޭގައި އޯލެވެލް ނުވަތަ އޭލެވެލް ނިންމުމަށްފަހު ގިނަ ކުދިން ވަޒީފާއަށް ދިޔަނަމަވެސް ފަހަށް ރައްކާކުރުމުގެ އާދަ ގިނަ ކުދިންގެ ނުހުރެއެވެ. އޭގެ ބަދަލުގައި ފުރަތަމަ ދުވަހުން ފެށިގެން އުޅެން ބޭނުންވަނީ އެންމެ މުއްސަނދި ނުވަތަ އެންމެ ފަހުގެ ދިރިއުޅުމެވެ. ބޭނުންވަނީ އެންމެ އަގު ބޮޑު ތަކެއްޗެވެ. އަގު ބޮޑު ފޯނާއި، ފަހުގެ އަންނައުނާއި، އަގު ބޮޑު ކެއުންތަކެވެ. އެކަމުގެ ސަބަބުން މަހު މުސާރައިން އެ ޚަރަދު ކޮށްފައި ފަހަށް ރައްކާ ކުރެވޭ ގޮތެއް ނުވެއެވެ.
މިދެންނެވި ކަންތަކުގެ ސަބަބުން ބޮޑުކަމެއް ޖެހޭއިރަކު މި ޖެހެނީ އެހެން މީހެއްގެ އަތުން ފަހުން ދައްކާ ގޮތަށް ފައިސާ ނަގާށެވެ. ނުވަތަ ބޭންކަކުން ލޯން ނަގާށެވެ. ނުވަތަ އަގު ބޮޑު ސާމާނު ހޯދުމަށްޓަކައި މަހުން މަހަށް ފައިސާ ދައްކާ އުސޫލުން ތަކެތި ނަގާށެވެ. މިއީ މިފަހުން އެންމެ ގިނަ ދިވެހިން ދަރަނިތަކުގައި ބެދެވުނު އެއް ގޮތެވެ. މޮޅެތި އޮފަރ ތަކާއެކު އިޝްތިހާރުކުރާ 'އިންސްޓޯލްމަންޓް ޕްލޭން' ތަކާއި، ތަފާތު 'ފައިނޭންސިން ފެސިލިޓީސް'ތަކެވެ. ގިނަ މީހުން އެއް ބޭންކުގައި އެއް ލޯނަށްވުރެ ގިނަ ލޯނުވެސް ހުރެއެވެ. އަދި އެއް ބޭންކަށްވުރެ ގިނަ ބޭންކްތަކުންވެސް ލޯނު ނަގާފައިހުރެއެވެ. އޭގެ އިތުރުން އެހެނިހެން ކުންފުނިތަކުންވެސް އިންސްޓޯލްމަންޓަށްވެސް ތަކެތި ނަގާފައިހުރެއެވެ. މުސާރައިން ކެނޑޭ ގޮތަށެވެ. ނަމަވެސް، މަހު މުސާރަ އަންނައިރު އެ ދަރަނިތަކަށް ކަނޑާފައި ގެއަށް ގެންނަން ލިބޭ އެއްޗަކުން ގޭގެ މުހުތާދުތައް ފިލުވާލެވޭ ގޮތް ގިނަ ފަހަރު ނުވެއެވެ. އަނެއްކާ ކޮންމެވެސް ރައްޓެއްސެއް ނުވަތަ އާއިލާ މީހެއްގެ މަދަދަށް އެދެންޖެހެއެވެ. މިއީ މިއަދު ގިނަ ދިވެހީންގެ ޙާލަތެވެ.
މިކަމުން އަރައިގަތުން ނުހަނު މުހިންމެވެ. ލިބޭ މުސާރައިން ފަރުޖެއްސޭނޭ ދިރިއުޅުމެއް ބައްޓަން ކުރަން އެބަ ޖެހެއެވެ. މިކަން އަރަމުން އަންނަ ކުދިންނަށް ސުކޫލު ތެރެއިންނާއި އާއިލާ ތެރެއިން ކިޔައިދީ ހޭލުންތެރިކުރުވާންޖެހެއެވެ. އަންނަ ޖީލު މިކަމަށް އަހުލުވެރިކުރުވުމަށެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ދަސްކޮށްގެން މެނުވީ މިކަމުން ސަލާމަތް ވެވޭކަށްނެތެވެ. މިކަމުގައި ކަމުގެ މާހިރުން ބުނާ ވާހަކައެއް އެބަ އޮތެވެ. އެންމެ މޮޅު ގޮތަކީ، ކައިވެނީގެ ކުރިން ފުރަތަމަ މުސާރައިން ފެށިގެން ލިބޭ މުސާރައާއި ކުރާ ޚަރަދުތައް ނޯޓު ކުރަމުން ގެންދިޔުމެވެ. ބޭކާރު ޚަރަދުތައް ކުޑަކޮށް ފަހަށް ފޮރުވާ ފައިސާ ގިނަ ކޮށްގެންނެވެ. އެ އާދަ ހަރު ނުލެއްވޭނަމަ، ލިބޭ އެއްޗެއް އޮންނާނީ ގޮސް ހުސްވެފައެވެ.
ދެން އޮތީ މިހާރު މިކަމުގައި ތާށިވެފައި ތިބި މީހުން ކުރާންވީ ކަންތަކެވެ. ފަށަންވީ ދުވަހަކީ މިއަދެވެ. މާދަމާއެއް ނޫނެވެ. އަމިއްލަ ޚަރަދުބަރަދު ބަލަހައްޓާނޭ އުޞޫލެއް ކަނޑައަޅާށެވެ. އެޕްލިކޭޝަނެއް ނުވަތަ ނޯޓު ފޮތެއް ނުވަތަ އަމިއްލަ ލެޕްޓޮޕެއްވެސް ރަނގަޅުވާނެއެވެ. ފޯނުގެ ނޯޓު ވެސް އެންމެ ރަނގަޅުވާނެއެވެ. ލިބޭ މުސާރައާއި މިހާރުގެ ޚަރަދުތަކާއި ނޯޓު ކުރަން ފަށާށެވެ. ކޮންމެ ދުވަހަކު ކުރެވެމުންދިޔަ ބޭކާރު ޚަރަދު މަދުކުރަމުންދާށެވެ. ފަހަށް ފައިސާ ރައްކާ ކުރަން ފަށާށެވެ. ފުރަތަމަ ކުޑަ އަދަދަކުން ވިޔަސް ފަށާށެވެ. އިތުރުކުރާނީ މަދުމަދުންނެވެ. އާދަ ހަރުލީމާ އެ އަދަދު ބޮޑުވެސް ކުރެވޭނެއެވެ. އަދި ޚަރަދު ކުޑަވެސް ކުރެވޭނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ދުވަސްކޮޅަކުން މި އާދަ ހަރުލައި، ރައްކާކުރެވޭވަރު އިތުރުވެ، ދަރަންޏަށް ފައިސާ ނެގުން މަދުވެގެންދިޔުމެވެ.
ފަހަށް ފައިސާ ރައްކާކުރުން ހަމައަކަށް އެޅުނު ނަމަވެސް، ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. ކޮންމެހެން ހޯދަން ޖެހޭ އެއްޗެއް ނޫނީ ނުހޯދުމެވެ. އަގުބޮޑު ދިރިއުޅުމަކަށްވުރެ ފުދިގެން އުޅެވޭވަރުގެ ދިރިއުޅުމަކަށް އަބަދުވެސް ވިސްނުމެވެ. ރައްޓެހިންނާއި އެހެން މީހުންގެ ދިރިއުޅުމާ އަޅާ ނުކިޔުމެވެ. އެމީހުން ހޯދާ ކޮންމެ އެއްޗެއް ހޯދުމަކީ ތިމާއަށް ލާޒިމުކަމެއް ނޫންކަން ގަބޫލުކުރުމެވެ. މި ވިސްނުން ތިމާ ގެންގުޅޭ ފަދައިން ތިމާގެ ދަރިންނަށްވެސް އެކަން ދަސްކޮށްދިނުމަކީ ކުރިމަގަށްޓަކައި ކުރެވޭ އިންވެސްޓްމެންޓަކަށް ވެގެންދާނެކަން ޔަޤީނެވެ.
އަހަރުމެންގެ އިހުތިބީން ބުނެފައިވާ ފަދައިންނެވެ. "ލިބޭ މިންވަރު ނިކަން ދަނެގެން، ވިބޭނުންތައް ބަހާލައިގެން، ތިބޭނަމައީ ފިކުރުކޮށްގެން، ވިބޭޒާރެއް ނުވެސް ވާނޭ"
