ޖަރުމަނުގެ 35 އަހަރުގެ ޑޮމިނިކާއަކީ އޭނާގެ އުމުރުން 20 އަހަރުން ފެށިގެން މުޅި ދުނިޔެ ބަލާލަން ބޭނުންވެފައި ހުރި ކުއްޖެކެވެ. އެކަމަށް އެތައް ޕްލޭނެއް ކުރެވުނު ނަމަވެސް އެކަން ހަގީގަތަކަށް ނުވެ ހުއްޓާ، އޭނާއާއި އެކުގައި މަސައްކަތްކުރާ ފަންނާނަކާ ބައްދަލުވެ ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ. މި ދެމީހުންގެ ކައިވެންޏަށް ފަހު ޑޮމިނިކާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާގެ ފިރިމީހާގެ އެއްބާރުލުން ލިބުނެވެ.
މީގެ 4 އަހަރުން ކުރިން އެމީހުން ދިރިއުޅެމުން ދިޔަ، ޖަރުމަނުގެ ބަވަރިޔާއިން ފުރައިގެން ދިޔަ ދެމަފިރިން ޕާކިސްތާނުގައި ތާށިވެ، އެމީހުނާއި މެދުޝައްކުގެ ނަޒަރުންވެސް ދެކެވުނެވެ. ބައެއް މީހުންނަށް ހީވިގޮތުގައި މިއީ ޖާސޫސްކުރާ ދެ މީހުނެވެ. އަނެއް ބަޔަކަށް މިދެމަފިރިންގެ ދިރިއުޅުން ވީ ވަރަށް ޝައުގުވެރި ކަމަކަށެވެ. ޕާކިސްތާނުގެ ލާހޫރުގައި މިދެމަފިރިން ކުރަނީ ކޮން މަސައްކަތެއްކަން ޔަގީންނުވެގެން ފުލުހުން މިމީހުންގެ ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެމީހުނަކީ ދަތުރެއްގައި އައިސް ޕާކިސްތާނުގައި ތާށިވެފައިތިބި ބައެއްކަން ސާފުކޮށް ދިނުމަށް އެތައް ގަޑިއިރަކު ޕޮލިސް ކަމިޝަނަރާ ވާހަކަ ދައްކަން ޖެހުނެވެ. ފަހުން ފުލުހުން ވަނީ އެމީހުން އެ ސިޓީގެ އެހެން ހިސާބަކަށް ބަދަލުކޮށްފައެވެ.
މިދެމަފިރިން އައީ ޖަރުމަނުން ފުރައިގެން ފޮލެންޑް މަގުން، ޗެކް ރިޕަބްލިކް، އޮސްޓްރިޔާ، ހަންގޭރީ، ރޯމާނިޔާ، ބަލްގޭރިޔާ، ތުރުކީ، އިރާޤް އަދި އިރާން ހުރަސް ކޮށްފައެވެ. ޕާކިސްތާނަށް އާދެވުނުއިރު އެމީހުންގެ ވަޒަނުން 5،000 ކިލޯމީޓަރަށްވަނީ ދަތުރު ކުރެވިފައެވެ. ނަމަވެސް މިމީހުންގެ އެންމެ ފަހު މަންޒިލަކީ އިންޑިޔާއެވެ. އިންޑިޔާއާއި މިހާ ކާރިއަށް އައުމަށްފަހު އިންޑިޔާ އަށް ނުގޮސް އެނބުރި ގައުމަށް ދާކަށް އެމީހުން ބޭނުމެއް ނުވިއެވެ.
އެހެންކަމުން އިންޑިޔާގެވިސާއަށް އެދުނެވެ. ވިސާގެ ކަންކަން ހަމަޖެހި ލިޔުމުން ދޭ ހުއްދަ ބަލާދާން އޮތް ދުވަހު އެމީހުނަށް އެންގީ އެމީހުނަށް ވިސާ ނުލިބޭނެ ކަމަށެވެ. ދެވަނަ ފަހަރަށް އެޕްލައިކޮށްގެން ވިސާ ލިބިގެން އިންޑިޔާއަށް އެތެރެވުމަށް ވާގާ ބޯޑަރަށް ދިޔައިރު، ކޮރޯނާ ވައިރަސްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބޭރުގައުމު ތަކުގެ މީހުން އެތެރެވުން މަނަލެވެ.
މި ދެމަފިރިންގެ ހުވަފެން ކާމިޔާބު ވާގޮތް ނުވެ އަނެއްކާވެސް ޕާކިސްތާނުގައި މަޑުކުރަން ޖެހުނެވެ. އެހެން ކަމުން މިމީހުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށާއި ހުސް ވަގުތު ދުއްވާލުމަށް ކުރާ ކަމަކީ ހަފްތާ ބަންދުގައި ސޫޕް ބެހުމެވެ. މި މީހުން ޒިޔާރަތްކުރި 11 ގައުމުން ދަސްކޮށްފައިވާ ކެއްކުން ހިމެނޭހެން ސޫޕް ކައްކާފައި ހިލޭ ބޭނުން މީހަކަށް ބަހަނީ އެވެ. އަދި މިމީހުނަށް މާލީ އެހީތެރިކަން ދޭން ބޭނުންނަމަ އެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ.
ޕާކިސްތާނަކީ ފަތުރުވެރިން ވަގަށް ނެގުން ފަދަ ކުށްތައް ގިނަ ގައުމެއް ނަމަވެސް އެމީހުނަށް އެފަދަ ކަމެއް ދިމާ ނުވާކަމާއި، އިރާޤްގައި ވެސް އެމީހުން އުޅުނީ ވަރަށް އަމާންކަމާއެކުގައި ކަމަށް މި ދެމަފިރިން ހާމަކުރެއެވެ.
