ކްރިސްޓިއާނޯ ރޮނޯލްޑޯ ސަސްޕެންސަނުގައި ހުރުމުގެ ސަބަބުން ޓީމުގައި ނުހިމަނާ ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޕޯޗުގަލް އަންނަ އަހަރު ކުޅޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ.

ރޭ ޕޯޗުގަލްއާއި އާމީނިއާ ބައްދަލުކުރި މެޗު ޕޯޗުގަލް ކާމިޔާބުކުރީ 9-1 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ޕޯޗުގަލް ޓީމުގެ ބުރޫނޯ ފެނާންޑޭސް އާއި ޖާއޯ ނެވެސް ހެޓްރިކް ހެދިއިރު، ރެނާޓޯ ވެއިގަ، ގޮންޒާލޯ ރާމޯސް، އަދި ފްރަންސިސްކޯ ކޮންސެސިއާއޮ ކޮންމެ ކުޅުންތެރިޔަކުވަނީ އެއް ލަނޑު ޖަހާފައެވެ. އާމީނިއާގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޕާސަޔަންއެވެ.

މި މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު މެޗުގައި އަޔަލެންޑް އަތުން ޕޯޗުގަލްވަނީ ހައިރާންކުރުވަނިވި ގޮތަކަށް ބަލިވެފައެވެ. އެ މެޗުގައި ދެއްކި ރަތްކާޑާއެކު ރޮނާލްޑޯއަށް ދެމެޗުގެ ސަސްޕެންސަނެއް އައުމާ ގުޅިގެން ރޭގެ މެޗަށް ޕޯޗުގަލް ނުކުތީ އެ ގައުމުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ނުލައެވެ. އަދި ވޯލްޑްކަޕުން ސީދާ ޖާގައެއް ހޯދުމަށް ރޭގެ މެޗުން މޮޅުވާން ޕޯޗުގަލަށް އޮތީ މަޖުބޫރުވެފައެވެ.

ރޭގެ މެޗުގައި މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ޕޯޗުގަލްއެވެ. މި މޮޅާއެކު ޕޯޗުގަލް ވޯލްޑްކަޕަށް ކޮލިފައިވީނަމަވެސް، އެ ޓީމުން ވޯލްޑްކަޕްގެ ފުރަތަމަ މެޗު ކުޅެން ޖެހޭނީ ރޮނާލްޑޯ ނެތިއެވެ.