ދިވެހިރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މިހާރު އޮތް ގޮތުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރު ނުކުޅެ ސީޒަން ކުރުކޮށްލަން އެފްއޭއެމުން ނިންމުމާއެކު ލީގުގެ ޗެމްޕިއަންކަން ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އަށް ލިބިއްޖެއެވެ.
މިއީ މާޒިޔާ އިން ލީގު ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ 2016 އާއި މިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކޮށްފައެވެ. މިދިޔަ ދެ ފަހަރުވެސް ލީގު ކާމިޔާބުކުރިއިރު އެ ޓީމު ދެ މެޗުން ބަލިވިނަމަވެސް، މި ފަހަރު އެ ޓީމުން ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ.
މި ފަހަރުގެ ސީޒަނުގައި ލީގު ދެވަނަ ބުރަށްފަހު ނިންމާލިއިރު، މާޒިޔާ އަށް 14 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރަމުންއައި ވެލެންސިއާ އަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހަތަރުވަނައިގައި އޮތް ކްލަބް އީގަލްސް އަށް 17 ޕޮއިންޓް ލިބިފައިވާއިރު، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު އޮތީ 16 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.
ލީގުގައި އެންމެ ފުލުގައި އޮތް ތިން ޓީމު ކަމަށްވާ؛ ސަސް އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެމެދު އޮތީ އެންމެ ތިން ޕޮއިންޓްގެ ފަރަގެކެވެ. ހަވަނައިގައި 15 ޕޮއިންޓާއެކު ސަސް އޮތްއިރު އޭގެ ދެ ޕޮއިންޓް ފަހަތުން ހަތްވަނައިގައި އޮތީ ޓީސީ އެވެ. އެންމެ ފުލުގައި އޮވެ ސީޒަން ނިންމާލި ޔޫވީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވެފައިވުމުން ލީގު އިތުރަށް ކުރިއަށްނުގެންގޮސް ނިންމާލުމުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޔޫވީ އަށެވެ. އެ ޓީމަށް ލީގުގައި ކުޅުނު ފުރަތަމަ 11 މެޗުން މޮޅެއް ނުލިބުނު ނަމަވެސް، އެންމެ ފަހުން ކުޅުނު ތިން މެޗުން ވަނީ މޮޅުވެފައެވެ. މިއާއެކު، ކުރިން ބެލެވިފައިއޮތީ އެ ޓީމަށް މިފަހަރުގެ ސީޒަނުގައި ރަނގަޅު މަގާމެއްގައި އޮވެ ނިންމާލެވޭނެ ކަމަށެވެ.
ލީގު ޗެމްޕިއަންކަން ކަށަވަރުވުމާއެކު މާޒިޔާ ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. މި ފަހަރުގެ ސީޒަނުގައި ބާކީ އޮތް ދެ މުބާރާތް ކަމަށްވާ އެފްއޭކަޕާއި، ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމާއެކު އަންނަ ސީޒަނުގައި ރާއްޖޭން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅުމުގެ ފުރުޞަތު ލިބުނީ ލީގުގެ ދެވަނަ މަގާމް ހާސިލްކުރި ވެލެންސިއާ އަށެވެ.
