ގަދަފަދަ އިޓަލީ ބަލިކޮށް ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ.
ވޯލްޑްކަޕް ކޮލިފިކޭޝަންގެ ބައެއް ގުރޫޕްތަކުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު އެންމެ ގިނަބައެއްގެ ސަމާލުކަން ލިބުނު އެއް މެޗަކީ އިޓަލީއާއި ނޯވޭގެ މެޗެވެ. 1998 ގެ ފަހުން ވޯލްޑްކަޕްގައި ކުޅެފައި ނުވާ ނޯވޭވަނީ އިޓަލީގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައި، ވޯލްޑްކަޕަށް ކޮލިފައިވެފައެވެ.
އިޓަލީގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އިޓަލީންނެވެ. ވަރުގަދައަށް ފެށި އިޓަލީގެ ލަނޑުޖެހީ އެޓީމުގެ ޕިއޮ އެސްޕޮސިޓޯއެވެ. އެކަމަކު ފަހު ހާފުގައި ކުޅުން ރަނގަޅުކޮށް ނޯވޭއިން ފުލުފުލުގައި ދިޔައީ ހަމަލަތައް އުފައްދަމުންނެވެ. ނޯވޭއިން ނަތީޖާ ހަމަހަމަކުރީ އެންޓޯނިއޯ ނޫސާ ޖެހިލަނޑުންނެވެ. މި ލަނޑާއެކު މުޅި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައެވެ. އަދި އޭގެ ފަހުން ހާލަންޑު އެއް މިނެޓު ތެރޭ ދެލަނޑުޖަހާ އިޓަލީއަށް ހާލަންޑުގެ ފެންވަރު ދައްކާލިއެވެ. އެޓީމުގެ ފަހު ލަނޑުޖެހީ އިތުރުވަގުތުގައި ޖޯގެން ސްޓްރެންޑް ލާސަންއެވެ.
ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވީ 24 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އިޓަލީއަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. މި ނަތީޖާއާއެކު އިޓަލީ ޖެހޭނީ ޕްލޭ އޯފް ކުޅޭށެވެ.
