ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރަންމެޑެލް ހޯދި ދިވެހި ކުޅުންތެރިންނަށާއި، ރިހިމެޑެލް ހޯދި ދިވެހި ކުޅުންތެރިންނަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހި ކުޅުންޔެރިންނަށް ތަހުނިޔާ ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ފަރާތުން ވާދަކޮށް ރަން މެޑެލް ހޯދާފައިވަނީ، ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤާއި ހުސައިން ޒަޔާންއެވެ.

ޒެމްބިއާގައި މި މަހުގެ 13 އިން 16 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ރިވައިވަލް ސްޕޯޓްސް އަށް ނިސްބަތްވާ ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤުގެ ޕެއާ ވަނީ މިކްސް ޑަބަލްސް ފައިނަލުގައި މިސްރުގެ އިއްޒަތު ކަރީމް އާއި ނޫރު އަޙްމަދުގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ.

މި މެޗުގެ ސެޓުތައް ޒަޔާން އާއި ނަބާ ގެންދިޔައީ، 21-18، 22-20 އިންނެވެ.

މީގެކުރީން، ޒަޔާން އާއި ނަބާގެ ޕެއާ ވަނީ، 2019 ގައި ޕާކިސްތާންގައި ކުރިއަށްދިޔަ މުބާރާތުން ރަން މެޑަލް ހޯދައި، މިދިޔަ އަހަރުގެ ބޮޓްސްވާނާ މުބާރާތުން ރިހި މެޑެލް ހާސިލްކޮށްފައެވެ.

މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ވާދަކޮށް ރާއްޖޭގެ ނަބާ އާއި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤްގެ ޕެއާ ވަނީ ރިހި މެޑެލް ހޯދައިފައެވެ.

ނަބާ އާއި ނަބީގެ ޕެއާ ވަނީ ފައިނަލުގައި ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒް އަތުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދެކުނު އެފްރިކާގެ ޕެއާ ކާމިޔާބުކުރީ 21-16 ، 14-21 އިންނެވެ.