ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެެވެ.  

މި ފަހުމުނާމާގައި ސޮއިކުރުމަށް އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު މުއީނެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. 

މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލް އާއި އެމް.އެން.ޔޫ ގުޅިގެން "މޮޑާރން ޕޯޓް މެނޭޖްމަންޓް"ގެ ޑިގްރީ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ގެ އެކްރެޑިޝޭނާއެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ހިންގާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެވެ. 

އެމް.ޕީ.އެލް ޕޯޓް ޓްރެއިނިން ސެންޓަރ އިން މިހާރުވެސް ދަނީ އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ބައެއް ކޯސްތައް ހިންގަމުންނެވެ. މީގެ އިތުުރުން މުވައްޒަފުންނަށް ތަޢުލިމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.