ވަޒީފާތަކުގައި އުޅޭ މީހުން ނުވަތަ މުވައްޒަފުން މަސައްކަތުގައި ހޭދަކުރާ ވަގުތުތަކުގެ ބޭރުން ކޮފީތަކުގައި ވަގުތު ހޭދަކުރާ މައްސަލައަކީ ހަމައެކަނި މިދިވެހިރާއްޖެއިން އެކަނި ފެންނަ މައްސަލައެއް ނޫނެވެ. މި ބުނުމުގައި މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރުން ފަހަރުގައި ކުށަކަށްވެސް ވެދާނެއެވެ. ފުރަތަމަ އެއީ މައްސަލައެއްތޯ ނުވަތަ ނޫންތޯ އެއީވެސް ބަހުސެކެވެ. ނަމަވެސް، ކޮންމެކަމެއްވެސް ހައްދުފަހަނަ އަޅައި ދިޔުމުން މައްސަލައަކަށްވާ ބީދައިން މިކަންވެސް މި ދިވެހި މުޖުތަމަޢުގައި މިވަނީ ބޮޑު މައްސަލައަކަށްވެފައެވެ.
މިކަމުގައި ވަކި ދާއިރާއެއް ނުވަތަ ވަކި އޮފީހެއް އިސްތިސްނާއެއްނުވެއެވެ. ގިނަ މުވައްޒަފުން އޮފީހަށް ގޮސް ސޮއިކޮށްލުމަށްފަހު ނުވަތަ ފިންގަރ ޖެހުމަށްފަހު، ފުރަތަމަވެސް ދާނީ ކޮފީއަކަށެވެ. އެ ދިޔައީ މަދުވެގެން 15 މިނެޓެވެ. ދެން އެހެން އުޅެލާފައި ކެއުމަށްދޭ ވަގުތު ޖެހުމުގެ ކުރިން އަނެއްކާވެސް ކޮފީއަކަށްދާނެއެވެ. އެ ދިޔައީ އަނެއް 15 މިނެޓެވެ. ކައިގެން އައިސް ނިދި އަންނާތީ އަނެއްކާ ކޮފީއެކެވެ. 2 ޖަހާއިރު ނިމޭ އޮފީހެއްނަމަ، ކައިގެން އައިސް މާގިނަ ވަގުތެއް ޑިއުޓީ ނިމުމާމެދު ނުލިބޭއިރު، އެ ދެމެދުވެސް ދެތިން ކޮފީއަށްދާ މީހުންވެސް މަދެއްނުވާނެއެވެ.
އަސްލު ކޮފީއަށްދަނީ ގިނަ މީހުން ބޯހަމަ ޖައްސާލާށެވެ. ނަމަވެސް، ރައްޓެހިންނާއެކު ކޮފީގައި ގިނަ ވަގުތު ހޭދަކުރާއިރު މާއެދެވޭ ވާހަކައެއް ނުދެއްކޭއިރު، ކޮފީތައްވަނީ ބޭކާރު ވަގުތުތަކަކަށެވެ. ބައެއްފަހަރު ކޮންމެވެސް މީހެއްގެ ވާހަކަ ދެއްކުމުގައެވެ. އޮފީސްތެރޭ ހިނގާ ކޮންމެވެސް ކަމެއްގެ ވާހަކަ ކިޔުމުގައެވެ. ނަމަވެސް، ބައެއްމީހުން ކޮފީތަކުގައި ވަރަށް 'ޕްރޮޑަކްޓިވް' ނުވަތަ ފައިދާކުރަނިވި ވާހަކަތައްވެސް ދައްކައެވެ. އެފަދަ ކޮފީތަކުން އެތައް ދަރުހެއްލިބޭއިރު، އެކިމީހުންގެ ތަޖުރިބާތައް އަޑުއިވި، ކުރާ މަސައްކަތަށް އޭގެން ފައިދާވެސް ކުރެއެވެ.
ގިނަ މުވައްޒަފުން އޮފީހުން ބޭރުގައި ވަގުތު ހޭދަކުރާތީ ގިނަ އޮފީސްތަކުގައި ކޮފީ ބޮވޭނޭ އިންތިޒާމް ހުންނަނީ ހަމަޖައްސާފައެވެ. ނަމަވެސް، އެ މާހައުލުގައި ކޮންމެކޮންމެ ވާހަކައެއް ނުދެއްކޭތީއާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ މީހެއްނަމަ އެކަން ނުކުރެވޭތީއާއި، ރައްޓެހިން އެހެން އޮފީސްތަކުގައި އުޅޭތީ، ގިނަ މީހުން އޮފީހުން ކޮފީ ލިބުނަސް، ޚިޔާރުކުރަނީ އޮފީހުން ބޭރު ކޮންމެވެސް ކެފޭއެއް ނުވަތަ ރެސްޓޯރެންޓެކެވެ.
މި ދެންނެވީ އަދި ހަމައެކަނި ކޮފީތަކުގެ ވާހަކައެވެ. އޮފީހަށް އައިސް ކޮފީތަކަށް ދިޔުމުގެ އިތުރުން އެކި ދުވަސްދުވަހު އެކި ކެއުންތަކަށް ދިޔުމަކީވެސް އާންމުވެފައިވާކަމެކެވެ. ތަނަކަށް ނުދާނަމަ، އޯޑަރކޮށްގެން ގެނެސް އޮފީސްތެރޭގައިވެސް ބޮޑެތި ކެއުންތައް އިންސާފުކުރުމުގައި އެތައް ވަގުތެއް ހޭދަކުރެއެވެ.
މިފަދަ ގޮތްގޮތަށް ގިނަވަގުތު މަސައްކަތުން ވީއްލިގެން މުވައްޒަފުން އުޅޭނަމަ އޭގެ ގެއްލުންވަނީ ވަޒީފާދޭ ފަރާތަށެވެ. ކުރަންޖެހޭ މަސައްކަތް ދުވަހުން ދުވަހަށް ނުނިމުމާއި، ކުރާ މަސައްކަތް އަވަސްއަވަހަށް ނިންމާލުމުން ފަރުވާކުޑަވެ މަސައްކަތުގެ ފެންވަރުދަށްވުމާއި، އެ އޮފީހެއްގެ 'އިމޭޖް' ނުވަތަ މީހުން އެ އޮފީހަކާމެދު ދެކޭގޮތް ގޯސްވުމާއި، ރަސްމީ ގަޑީގައި ނިންމޭ ކަހަލަ މަސައްކަތްތައްވެސް އިތުރު ގަޑީގައި ނުކުމެ ކުރަންޖެހުމުން ތަނުގެ ޚަރަދު ބޮޑުވުންކަހަލަ އެތައް ގެއްލުމެއް ކުރިމަތިވެއެވެ.
ކޮފީއަކީ އޭގެ ޒާތުގައި ފައިދާހުރި އެއްޗެކެވެ. މީހާ ތާޒާކޮށްލާއެއްޗެކެވެ. މޫޑު ރަނގަޅުކޮށްލާ މަސައްކަތުގައި މުރާލިވުމަށް އެހީވެދޭ ބުއިމެކެވެ. އަދި މަސައްކަތުގައި އުޅޭ މީހުން ކޮފީގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން މަޝްވަރާކޮށްލަން ފުރުސަތުވެސް ލިބިދޭކަމެކެވެ. އެހެންނަމަވެސް، ކޮންމެވެސް މިންގަނޑެއްގެ ތެރޭގައި އެކަން ނުކޮށް އަބަދު ކޮފީތަކުގައި އުޅޭނަމަ، އެތައް ގެއްލުމެއް ލިބިގެންދާކަމެއްވެސްމެއެވެ.
