ރާއްޖެފަދަ އުފެދިފައިވާ ގޮތުން ފެތުރިފައިވާ ގައުމުތަކުގައި ޑިޖިޓަލް ފައިނޭންސް އަކީ އެންމެ ބާރުގަދަ އެއް ވަސީލަތް ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރިތިންކިން އިކޮނޮމިކް ގްރޯތު ބިޔޯންޑް ޓޫރިޒަމް" ގެ ނަމުގައި އިއްޔެ ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ނިޔާޒް ވަނީ، ޑިޖިޓަލް ފައިނޭންސް އަދި ފިންޓެކް އީޖާދުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރާދާނެގޮތާ ބެހޭގޮތުން އަލިއަޅުއްވާލައްވާފައެވެ.
ވިލާ ނޯޓިކާގައި ބޭއްވި މި ކޮންފަރަންސްގައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕޮލިސީ މޭކަރުންނާއި، މާލީ ދާއިރާގެ ވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
"ޑިޖިޓަލް ފައިނޭންސް އަކީ އަޅުގަނޑުމެން ކަހަލަ ގައުމެއްގައި ހަމަހަމަ ފުރުސަތުތަކެއް ގާއިމް ކުރުމަން ބޭނުން ކުރެވޭ އެންމެ މުހިންމު އެއް ވަސީލަތް. ކައިރި މުސްތަގުބަލެއްގައި އެމް-ފައިސާ އާއި ޕޭޕާލް އިންޓަގްރޭޓް ކުރެވިގެން ދިޔުމުން ކޮންމެ ރަށެއްގެ ފްރީލާންސަރުންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓްތަކާއި އާމްދަނީ ހޯދުމާއި އާ ފުރުސަތުތައް ފަހިވެގެންދާނެ. ކޮންމެ މުޖުތަމައެއްވެސް ޑިޖިޓަލް އިކޮނޮމީގައި ބައިވެރިއަކަށް ވަނީ މިހެން." ނިޔާޒް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ޢުމްރާނީ ތަރައްޤީގެ ޚަރަދު ބޮޑުވުމާއި، ޑިޖިޓަލް ހުނަރުންނަށް ހުރި ފަރަގުތަކާއި، ޑިޖިޓަލް ނިޒާމުތައް ބައިބައިވުން ފަދަ ގޮންޖެހުންތަކަށް ޙައްލެއް ހޯދަންޖެހޭ ކަމުގައި ނިޔާޒް ވަނީ ވިދާޅުވެފައެވެ.

"މިއީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އީޖާދީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓާއާ އެކު ހަރުދަނާ ޕާޓްނަރޝިޕެއް ގާއިމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނިޔާޒު ވިދާޅުވީ، ޑިޖިޓަލް މޯލްޑިވްސްއެއް ބައްޓަންކުރާނީ ހަމައެކަނި ޓެކްނޮލޮޖީއެއް ނޫން ކަމަށާއި، މީހުން ކަމަށެވެ. އަދި، ކަންކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކޮންމެ ދިވެއްސަކަށްވެސް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީވެދެވޭނެ ކަމަށެވެ.
މި ސެޝަންގައި ނިޔާޒު ވަނީ، އެމް-ފައިސާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދީ، މުޅި ރާއްޖެ ކަނެކްޓިވިޓީ ފުޅާކޮށް، ފައިނޭންޝަލް އިންކްލޫޝަން ޕްރޮމޯޓް ކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ.
ކުރިއަށް އޮތް ތަނުގައި އެމްފައިސާއާއި ޕޭޕާލް އިންޓަރގްރޭޓް ކުރެވިގެން ދިއުމުން ދިވެހިންނަށް ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފްރީލާންސަރުންނާއި ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކާއި އުފެއްދުންތެރި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ.
އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތްކުރުމެވެ.
