މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ 4 ޖެނުއަރީން ފެށިގެން 3 މާޗާ ހަމައަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން އަދި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރާނެ އުސޫލު ރޭ ވަނީ އާންމުކޮށްފައިވާއިރު، ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ..

އުސޫލުގައިވާ ގޮތުން  މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭ ހިމެނެނީ، މާލޭ ރަށްވެހިންނަށް 10،000 ގޯއްޗާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯއްޗާއި މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 500 ގޯއްޗެވެ. 

މީގެ އިތުރުން، ޖުމްލަ 7،500 ފްލެޓް ދޫކުރަން ހަމަޖައްސާފައިވާއިރު އޭގެ ތެރެއިން 4000 ފްލެޓް ހާއްސަ ކުރަނީ މާލޭ ރައޔްިތުންނަށެވެ. 

މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް 1500 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ހާއްސަ ކެޓަގަރީތަކެއްގެ ފަރާތްތަކަށް ވެސް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛

  1. 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން - 100 ފުލެޓު
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100 ފުލެޓު
  3. އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތައް - 250 ފުލެޓު
  4. މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް - 50 ފުލެޓު
  5. މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން - 200 ފުލެޓު
  6. މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން - 100 ފުލެޓު
  7. މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް - 100 ފުލެޓު
  8. މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް - 50 ފުލެޓު

އެ އުސޫލުގެ ދަށުން ފުލުހުންނަށް 100 ފުލެޓު އަދި ސިފައިންނަށް ވެސް 100 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް 200 ފުލެޓު ހާއްސަކޮށްފައިވާ އިރު، އެހެނިހެން މުއައްސަސާތަކުގެ މުއައްޒަފުންނަށް ވެސް 300 ފުލެޓު ވަނީ ހާއްސަކޮށްފައެވެ.