ސޯޝަލް މީޑިއާ ހާވަނިކޮށް ދަނިކޮށް ލޮލުގައި އަޅައިގަތީ، މުރަކަ ބަގީޗާއެއް ފެނުން މައްޗަށް އަރާފައިވާ ވީޑިއޯއެކެވެ. އެ ވީޑީއޯއަކީ، ހދ. ވައިކަރަދޫ މުރަކައިގެ ބަގީޗާގެ މަންޒަރެކެވެ.

ތެދެކެވެ. ބަލާލަން ވަރަށްވެސް ހިތްގައިމެވެ. އެ މުރަކަތަށް ވައްތަރީ ފޮޅިވެ ފަރިވެފައި އިން ފިނިފެންމަލަކާއެވެ. އެ މުރަކަތަށް ފެތުރިލާފައި ހުންނައިރު، އޭރިއަލް ފޮޓޯއަކުން އެ މަންޒަރު ފެންނަނީ ވަރަށްވެސް ހިތްގައިމުކޮށެވެ. ހދ. ވައިކަރަދޫ މީހުންނަށް މި މަންޒަރަކީ ހިކިދިޔައިގައި ކޮންމެ ދުވަހަކުވެސް ފެންނަ މަންޒަރެކެވެ. 

ޗާލުކޮށް ހިކިފައިވާ އެ މުރަކަތައް ބަލަން އެތައް ބަޔަކު އެ ރަށަށް ގޮސް އުޅެއެވެ. ބޮޑު ދިޔައިގައި އެ މުރަކަތަށް ފެނުގެ އަޑީގައި ހުންނައިރު އެ މަންޒަރު ބަލަން ސްނޯކަލް ކޮށްލަން އެތައް ބަޔަކު ގޮސް އުޅެއެވެ. ރީތި ކުލަތަކުން ޖަރީވެފައިވާ މަސްތަކާއެކު އެ މުރަކަތައް ފެންނަލެއް ވަރަށް ހިތްގައިމެވެ.

ވައިކަރަދޫގެ މުރަކަ ބަގީޗާ ކިތަންމެ ރީއްޗަސް އެ މުރަކަތައް އެ ކިޔައިދޭ އެެހެން ވާހަކައެއް އެބައޮތެވެ. ރީތިކަމުގެ ވާހަކައެއް ނޫނެވެ. ނުރައްކަލާއި ނެތި ދިއުމުގެ ވާހަކައެވެ. ފެނުން މައްޗަށް އެ މުރަކަތައް ތިލަވެފައި ހުންނައިރު ބަލައިލާން ކިތަންމެ ރީއްޗަސް އެ ކިޔައިދެނީ މޫސުމީ ބަދަލުގެ ސަބަބުން ވާ ގެއްލުންތަކުގެ ވާހަކައެކެވެ. ކަނޑުގެ ލޮނުގަނޑާއި، ޖައްވު ހޫނުވުމުން އެ ވާ ގޮތުގެ ވާހަކައެވެ. 

ވައިކަރަދޫ އެކަންޏެއް ނޫނެވެ. ފުޅަދޫގައިވެސް މިފަދަ ބަޗީގާއެއް އެލާމު އަޅައަޅާ އެބައޮތެވެ.