މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާ ހިނގާށެވެ. މާދުރަކަށް ނޫނެވެ. މަގުމަތީގައި ހިނގާފައި ދާއިރު ދެވެނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ދޫކޮށްލާ ދުންތަކުގެ ތެރެއިންނެވެ. ސުކޫލަށް ކުދިން ބަލައި ދާއިރު، ދަރިން ދަނީ އެ ދުންތައް 'ބޮމުން'ނެވެ. ކެފޭ ނުވަތަ ރެސްޓޯރެންޓަކަށް ވަނަސް ޖެހެނީ ސިނގިރޭޓުދުމުގެ އުނދަގުލާއެވެ. ހިނގާފައި ދިޔަސް، ދުއްވާފައި ދިޔަސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އަތުގައި އަބަދުވެސް ސިނގިރޭޓެއް އޮވެއެވެ. މިކަމުގައި ވަކިތަނެއް ވަކި އުޞޫލެއް ނެތެވެ. ފަހުން އައިސް އީ-ސިނގިރޭޓާއި ވޭޕް ތައާރަފްވިއެވެ. ދުންފަތަށްވުރެ ރައްކާތެރި އެއްޗެއްގެ ހުވަފެން ދައްކަމުންނެވެ. އެކަމުގައި ކުދިބޮޑު އެންމެން ޖެހުނެވެ. ވަކި އުމުރެއް ވަކި ޖިންސެއް ވަކި ފަންތިއެއްނެތިއެވެ. އެތަކެތި ބޭނުންކުރުން އޮފީސްތަކުގެ ތެރެއިންނާއި ގޭގެ ކޮޓަރިތެރެއަށް ވައިހިއްޕާލިއެވެ. އެންމެފަހުން ސުކޫލުތެރެއަށްވެސް އެތަކެތިވަދެ އަރަމުންއަންނަ ޖީލު އެ އާދައިގައި ބެދެވުނެވެ. ބޭނުންކުރަން ފަސޭހަވުމާއި ގެންގުޅެން ފަސޭހަވުމުންނެވެ. އެތަކެތީގެ ވިޔަފާރި ފުޅާވެ، ކަންމަތީ ފިހާރަތަކުންނާއި އާންމު މީހުންގެ ސައިކަލު މަޑިދަށުންނާއި އޮފީހުގެ ވަތްގަނޑުތައް ވިޔަފާރީގެ ހަބުތަކަކަށްވެގެންދިޔައީ ނުލާހިކު އަވަހަށެވެ. އެކަމުގެ ހުރި ނުރައްކަލާއި ގެއްލުން ނޭނގޭތީއެއް ނޫނެވެ. މިއީ ދުންފަތުގެ އިސްތިޢުމާލުކުރުން 'ނޯމަލައިޒް' ވެގެންދިޔަ ގޮތެވެ.
އެއީ ނުރައްކާތެރިކަމެއްކަން އަދި އެކަމުގައި މުޖުތަމަޢު ޖެހިފައިވާ މިންވަރު މިހާރުގެ ސަރުކާރަށް ތަޞައްވުރުކުރެވުނެވެ. މީގެ ކުރިންވެސް ދުންފަތުގެ އިސްތިޢުމާލުކުރުމާގުޅޭ އެކިއެކި ޤާނޫނުތައް ފާސްކުރެވިފައިވެއެވެ. ނަމަވެސް، އެކަމުގެ އެދެވޭ ނަތީޖާއެއް އެކަން ތަންފީޒުކުރުމުގައި ފެނިފައެއްނުވެއެވެ. އަމުދުން ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓާގުޅޭ މާ އެދެވޭ އުޞޫލުތަކެއް ކަނޑައެޅިފައެއްނުވެސްވެއެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު އައިސް، މިވީ 2 އަހަރުތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ޖީލެއް ހަލާކު ވަމުންދާ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ވަބާއިން މި މުޖުތަމަޢު ސަލާމަތްކުރުމަށް ފެށި 'ހަނގުރާމައެވެ'. މިއީ ވަރަށް ގިނަ ބައެއްގެ، ޚާއްސަކޮށް އިދިކޮޅު ފިކުރު މީހުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންއަންނަ ކަމެއްވެސްމެއެވެ. ނަމަވެސް، މިކަމުގައި ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރެވޭތޯ އެކަމާގުޅުންހުރި ވުޒާރާތަކުން މަސައްކަތްތަކެއް ކުރެވެމުންދާކަންދަނީ ފެންނަމުންނެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ ޤާނޫނު 2010 ވަނަ އަހަރު އުފަންވެފައިވީނަމަވެސް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. މި ޤާނޫނާއެކު ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަން ކަނޑައެޅި، ޢަމަލުނުކުރާ ފަރާތްތަކަށް ޖޫރުމަނާ ކުރެވޭނެކަމުގެ ބޯޑުތައް އެކި ތަންތަނުގައި ހަރުކުރެވުނެވެ. ނަމަވެސް، ފަހުންފަހުން އައިސް އެއްކަލަ ބޯޑުގެ ކައިރީގައި ތިބެގެން ދުންބުރުވާއިރުވެސް އެޅޭނޭ ފިޔަވަޅެއް ކުރެވޭ ޖޫރިމަނާއެއްނެތެވެ.
މި ސަރުކާރު އައިސް، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު)ގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރިއެވެ. އޭގެ އިތުރުން ދަޢުލަތުގެ އޮފީސްތަކުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި، 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި އެ ވިޔަފާރީގައި ބައިވެރިކުރުވުންވެސް މަނާކުރިއެވެ. އަދި ބޮޑެތި ޖޫރިމަނާތައް ކަނޑައެޅި އެކަން ކުރާ ފަރާތްތައް ދެނެގަނެ ޖޫރިމަނާކުރަންފެށުނެވެ.
އޭގެފަހުން 21 މެއި 2025 ގައި 2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރެއްވިއެވެ. މި ބިލަކީ ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. ނަތީޖާއެއްގެ ގޮތުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމެއްކަމަށް ކަނޑައަޅައި އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެއްކަމުގައިވެ 1 ނޮވެމްބަރ 2025 ގައި އެ ބިލަށް ޢަމަލުކުރަން ފެށުނެވެ.
މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ދުންފަތާ ދެކޮޅަށް މިހާ ފުޅާ ދާއިރާގައި މަސައްކަތް ކޮށްފައި އޮތްތަނެއް ނުފެނެއެވެ. މިއީ ބޮޑެތިވަމުން އަންނަ ކުދިން، ދެން އަންނަ ޖީލުގެ ހެވާއި ލާބައަށް ސަރުކާރުން އަޅަމުންދާ މުހިންމު، ކޮންމެހެންވެސް ބޭނުންތެރި ނިންމުންތަކެއްކަން ޔަޤީނެވެ.
ދެން އޮތީ މި ދެންނެވި ނިންމުންތަކާ ގުޅިގެން ދެން އުފަންވެގެން އައި ކަންތައްތަކެވެ. ސިނގިރޭޓު ފޮށީގެ އަގު އިންތިހާއަށް ބޮޑުވެ، ވޭޕް މަނާކުރެވިގެން ދިޔުމުން، ދެން ފެށުނީ 'ބިޑި އޮޅާށެވެ'. މިހާރު ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކުޑަ ދަބަހެއް ނުވަތަ ފޮއްޓެއް ގެންގުޅެއެވެ. ކޮފީއަކަށް އެރިއަސް، ތަނެއްގައި މަޑުޖެހިލުމާއެކު ފަށަނީ އޮޅާށެވެ. ސަރުކާރަށް އޭތިމީތި ކިޔަމުން ނުލާހިކު ފަރިތަކަމާއެކު އޮޅާލައެވެ. ވަގަށް ވޭޕްއާއި އެކަމާ ގުޅުންހުރި ތަކެތި އެތެރެކުރުން ފެށިއްޖެއެވެ. ވަގަށް ސިނގިރޭޓު އެތެރެކުރުން ފެށިއްޖެއެވެ. މިއީ ކުރިން ދެންނެވި ނިންމުންތަކާއެކު ނުކުމެދާނެ ނަތީޖާކަން މާކުރިންވެސް ވިސްނެއެވެ. ނަމަވެސް، ސުވާލަކީ، ހަމަ ބޯން ޖެހޭ ހެއްޔެވެ؟ އަދިވެސް ހުއްޓާލާކަށް ނުވޭ ހެއްޔެވެ؟ ޖީލުތަކެއް ފަނާވާން ދޫކޮށްލާންވީ ހެއްޔެވެ؟
ކޮންމެ ގޮތެއްވިޔަސް، ދުންފަތް ކޮންޓްރޯލްކުރުމަށް އަދުގެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކަށް ޝުކުރު ހައްޤެވެ. ސަރުކާރުން މިކަމުގައި ގެންގުޅޭ އުޞޫލުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިންވަނީ މަރުހަބާ ކިޔާފައެވެ. އަދި ޖެނެރޭޝަނަލް ބޭންއަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައެވެ. އަދި މިކަން ފާހަގަކޮށް، އެ ޖަމްޢިއްޔާގެ ޚާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައިވެއެވެ.
ވީއިރު، އަހަރުމެންގެ ފަރުދީ ޒިންމާ އަދާ ކުރަމާ ހިނގާށެވެ. ތަންފީޒީ އިދާރާތަކަށް އެއްބާރުލުންދީ، މި ޢަމަލުން މި މުޖުތަމަޢު ދުރުކުރެވޭތޯ މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއްކަމުގައި ހަދަމާ ހިނގާށެވެ. ވަކި ކުލައަކަށް ވަކި ފިކުރަކަށް ނުބަލައި، ނުބައި އެއީ ނުބައިކަން ގަބޫލުކޮށް އަންނާންއޮތް ޖީލު، މި މަސްތުގެ ވަބާއިން ސަލާމަތްކުރުމަކީ އަހަރުމެން އަދު ތިބީންގެ ބޮލުގައި އެޅިފައިވާ ނުހަނުބޮޑު ޒިންމާއެއްކަން ޔަޤީނެވެ.
