ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ޒޯޔާ އަޚްތަރު އަނަންޔާ ޕާންޑޭއާއެކު ފިލްމެއް ހަދަން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. މިހާރު މިވަނީ އެ ފިލްމާއި ގުޅޭ ގޮތުން އެހެން ވާހަކައެއް ތިލަވެފައެވެ. އަދި ނަމެއް ހާމަކޮށްފައިނުވާ އެ ފިލްމުގެ ލީޑުން އަނަންޔާގެ އިތުރުން ދެން ފެނިގެންދާނީ ޒޯޔާ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން "ގަލީ ބޯއީ" އިން ބޮލީވުޑަށް ނުކުތް ސިދާންތު ޗަތުރްވެޑީއާއި "ދަ ވައިޓް ޓައިގާ"ގެ އެކްޓަރ އަދަރްޝް ގޯރަވްއެވެ.
ޚަބަރުތައް ބުނާގޮތުން މި ފިލްމަކީ ޒޯޔާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޑައިރެކްޓް ކުރާނީ ޑައިރެކްޝަނަށް އަލަށް ނުކުންނަ އަރްޖުންއެވެ. ފިލްމާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް ހާމަވެފައި ނުވިނަމަވެސް ސިދާންތާއި އަދަރްޝް މި ފިލްމު ކުޅެން އެއްބަސްވެފައިވާ ކަމަށާއި މިހާރު ކަރުދާހުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވެއެވެ. މި އަހަރު ތެރޭ ޝޫޓިން ފަށަން ޕްރޮޑަކްޝަން ޓީމުން ރާވާފައިވާކަމަށާއި އެކަން ވަކި ގޮތަކަށް ނިމޭނީ ކޮވިޑްގެ ހާލަތަށް ބަލާފައިކަމަށް ޚަބަރުތައް ބުނެއެވެ.
މިއީ އަނަންޔާއާއި އަދަރްޝް ޒޯޔާއާއެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ސިދާންތާއި އަނަންޔާ މިހާރު އަންނަނީ ޝަކުން ބަޓްރާ ޢަދި ދީޕިކާވެސް ލީޑްގައި ހިމަނައިގެން ހަދާ ފިލްމުގައި މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ސިދާންތުގެ ލިސްޓުގައި އިތުރު 2 ފިލްމެއް އެބައޮތެވެ. އެއީ އެއްކޮށް މަސައްކަތް ނިމިފައި އޮތް "ބަންޓީ އޯރް ބަބްލީ 2" އާއި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ފޯން ބޫތު" އެވެ. އަނަންޔާގެ އެންމެ އަވަހަށް ނުކުންނާނެ ކަމަށް ބެލެވެނީ ހިންދީއާއި ތެލުގޫ ބަހުން އުފައްދާ ފިލްމު "ލައިގާ" އިންނެވެ.
