ލޯބިޖައްސާ ސިހުރު ނުވަތަ އިސްތިރި އާއްމުކޮށް ހަދަނީ މީހަކު އެހެން މީހެއްގެ ލޯބި ހޯދުމަށް، ހިތްޖެއްސުމަށް ނުވަތަ މީހަކު ކައިރިން ދުރުވިޔަ ނުދިނުމަށްޓަކައި އެ މީހަކު ރުއްސާފައި ބެހެއްޓުމުގެ ބޭނުމުގައެވެ. ބައެއްފަހަރު ބޭނުންވާ މީހާ އާއި ކައިވެނި ކުރުމުގެ ނިޔަތުގައިވެސް މި ސިހުރު ހަދާއުޅެއެވެ.
ސިހުރަކީ ޝިރުކުގެ އަމަލަކަށްވުމުން މި ކަމަކީ އެއްވެސް ހާލެއްގައި ހުއްދަވެގެންވާ ކަމެއްނޫނެވެ.
މި ބާވަތުގެ ސިހުރު ޖެހުމުން ސިހުރު ޖައްސުވަން ބޭނުންވާ މީހާދެކެ އާދަޔާ ހިލާފަށް ލޯބިވާގޮތްވެއެވެ. އަދި އެ މީހަކު މަތިން އަބަދުމެ ހަނދާންވެ، އޭނާއާއެކު، ފާހިޝް އަމަލުތައް ހިންގަން ބޭނުންވެއެވެ.
ބައެއް ފަހަރު މި ބާވަތުގެ ސިހުރު ޖެހުމުން އެހެން މީހަކާ ކައިވެނިކުރަންވެސް ބޭނުން ނުވެއެވެ. އަދި އެ މީހާއާ އެހެން މީހަކުވެސް ގާތްވާ ހިތެއްނުވެއެވެ.
މި ބާވަތުގެ ސިހުރު ހަދާ އުޅެނީ ސިހުރު ހަދާފައިވާ އެއްޗެއް ކާންދީގެން، ނުވަތަ މަހާނައިން ވެލިނަގައިގެން ނުވަތަ ތަވީދު ކަހަލަ އެއްޗެއް ބޭނުންކޮށްގެންނެވެ.
ލޯބިޖައްސާ ސިހުރުގެ އަލާމާތްތައް
މާބޮޑަށް މީހަކު ދެކެ ލޯބިވުން ނުވަތަ އެކަމުގައި ހައްދުފަހަނަ އަޅައި ދިއުން.
ގިނަގިނައިން ޖިންސީ ގުޅުން ހިންގާ ހިތްވުން.
ޖިންސީ އެދުންވެރިކަމުގެ ހިޔާލު އަބަދުމެ އައުމާއި އެކަން ނުކޮށް އެންމެ ހިނދުކޮޅަކުވެސް ހުރުމަށް އުނދަގޫވުން.
ޖިންސީ ގުޅުން ހިންގާ ވަގުތު ހަގީގަތުގައި ނުވާ ވަރުގެ ލައްޒަތެއް އިހުސާސް ކުރެވުން.
ލޯބިވާ މީހާ ފެނުމުން އާދަޔާ ހިލާފު އިހުސާސެއް ކުރެވުން.
ލޯބިވާ މީހާ ގާތުގައި އަބަދުމެ ހުންނަ ހިތްވުމާއި އޭނާ ގާތަށް ދާން ބޭނުންވުން.
ކޮންމެ ކަމެއްވެސް ހިނގަނީ ﷲ ސުބުޙާނަހޫ ވަތައާލާގެ އިރާދަފުޅުން ކަމުގައި ވީ ހިނދު މި ކަމަށް ޝިފާދެއެވުންވެސް ވަނީ އެކަލާނގެ އަތްޕުޅުގައެވެ. ޝަރުއީ ރުގްޔާ ބޭނުންކޮށްގެން މި ބާވަތުގެ ސިހުރަށްވެސް ފަރުވާ ކުރެވޭނެއެވެ.
މަސްދަރު: https://ruqyahassharia.com
