ޗައިނާގެ ޒުވާން އަންހެން ކުއްޖަކު ޖަންގަލީގައި ދިރިއުޅުމުގެ މުބާރާތަކުން މެޑަލް ހޯދައި، 14 ކިލޯ ބަރުދަން ލުއިކޮށްފި!

ޗައިނާގެ ޒުވާން އަންހެން ކުއްޖަކު ޖަންގަލީގައި ދިރިއުޅުމުގެ މުބާރާތަކުން ކާމިޔާބީ ހޯދައި، ތިންވަނަ މަގާމު ހޯދުމުގެ އިތުރުން 14 ކިލޯގެ ބަރުދަން ލުއިކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. އުމުރުން 25 އަހަރުގެ ޒާއޯ ތިއެޒޫ، އޭނާ އޮންލައިންކޮށް ބުނާ ނަމުންނަމަ، ވަނީ ޗައިނާގެ އިރުމަތީގައި އޮންނަ ޒެޖިއަންގ ޕްރޮވިންސްގެ ރަށެއްގައި އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 5 ވަނަ ދުވަހާ ހަމައަށް ޖުމްލަ 35 ދުވަސް ވަންދެން ޖަންގަލީގައި ދިރިއުޅިފައެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒާއޯ ވަނީ މި މުބާރާތުން ބްރޮންޒް މެޑަލް ހޯދާފައެވެ.

މި ކާމިޔާބީއާ ގުޅިގެން ޒާއޯއަށް ވަނީ 7,500 ޔުއާން (ދިވެހި ރުފިޔާއިން 88,608) ގެ އިނާމެއް ލިބިފައެވެ. މީގެތެރޭގައި 30 ދުވަސް ފުރިހަމަކުރުމަށް ލިބުނު 6,000 ޔުއާން (ދިވެހި ރުފިޔާއިން 74,430) އާއި، އިތުރުކޮންމެ ދުވަހަކަށް 300 ޔުއާން (ދިވެހި ރުފިޔާއިން 3,544) ހިމެނެއެވެ.

ޖަންގަލީގައި ހޭދަވި ދުވަސްތަކުގައި ޒާއޯއަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. 40 ޑިގްރީ ސެލްސިއަސްގެ ހޫނާއި، ހިމޭން މާހައުލެއްގައި އުޅުމުގެ ސަބަބުން އަތްތިލަ ހަރުވުން، އަދި ފައިގައި ގިނަ އަދަދެއްގެ ފަނިފަކުސާ ހެފުން ފަދަ ކަންކަމުގެ އަސަރު އޭނާއަށް ވަރަށް ބޮޑަށް ކުރިއެވެ. މީގެ އިތުރުން ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަވީގައި ފިހިފައެވެ. ނަމަވެސް، މި ހުރިހާ ގޮންޖެހުންތަކަކާ އެކުވެސް، އޭނާގެ ބަރުދަން 85 ކިލޯގްރާމުން 71 ކިލޯގްރާމަށް ލުއިކުރެވުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޒާއޯ ބުނެއެވެ.

ޒާއޯ ބުނި ގޮތުގައި، ބަރުދަން ލުއިވުމުގެ މައިގަނޑު ސަބަބަކީ ޖަންގަލިން އޭނާ ހޯދި ޕްރޮޓީން ގިނަ ކާނާއެވެ. އޭނާ ކެއި ކާނާގެ ތެރޭގައި ކަކުނި، ސީއަރޗިން އަދި އެބަލޯން ހިމެނެއެވެ. 35 ދުވަހުގެ ތެރޭގައި އޭނާ ވަނީ 50 އަކަށް މީދާ ހިފާ، ސާފުކޮށް، ފިހެގެން، ކައިފައެވެ. މުބާރާތް ނިމިގެން ނުކުތުމަށްފަހު ގޭގައި ކެއުމަށް ބައެއް މީދާ އަވިން ހިއްކައިގެން އޭނާ ގެންދިޔައެވެ. އޭނާ ބުނިގޮތުގައި، މީދާގެ ރަހަ ވަރަށް މީރެވެ.

ނޮވެމްބަރު 4 ވަނަ ދުވަހު ރަށަށް ތޫފާނެއް އެރުމާއެކު، ޒާއޯ ނިންމީ މުބާރާތުން ވަކިވާށެވެ. އޭނާ ބުނީ، އޭނާގެ ލަނޑުދަނޑި ހާސިލްކުރެވިފައިވާ ކަމަށާއި، މިހާރު ބޭނުންވަނީ އެނދުމަތީގައި އަރާމުކުރަން ކަމަށެވެ.

މުބާރާތުގެ މެނޭޖަރު، ގެންގް ނަމަކަށް ކިޔާ މީހަކު ބުނި ގޮތުގައި، މިހާރުވެސް ދެ ފިރިހެން ބައިވެރިއަކު ރަށުގައި އެބަ ތިއްބެވެ. އެމީހުން ދަނީ ފުރަތަމަ އިނާމު ކަމުގައިވާ 50,000 ޔުއާން (ދިވެހި ރުފިޔާއިން 6,20,168) ހޯދުމަށް މަސައްކަތްކުރަމުންނެވެ. މިފަދަ ސަރވައިވަލް ގޭމްތައް ޗައިނާގައި ދަނީ އިތުރަށް މަޝްހޫރުވަމުންނެވެ.

މިފަދަ އެންމެ މަޝްހޫރު އެއް މުބާރާތެއް މިހާރު ކުރިއަށްދަނީ ހުނާން ޕްރޮވިންސްގެ ޒަންގްޖިއާޖިއޭގައި ހުންނަ ސެވަން ސްޓާރ މައުންޓަންގައެވެ. އެ މުބާރާތުގައި އެންމެ ގިނަ ދުވަހު ދެމިހުންނަ ބައިވެރިއަކަށް 200,000 ޔުއާން (އެމެރިކާ ޑޮލަރުން 28,000) ގެ ބޮޑު އިނާމެއް ލިބޭނެއެވެ. މި މުބާރާތުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވާއިރު، އޮންލައިންކޮށް ލައިވްކޮށް މިކަން ދަނީ ބަލަމުންނެވެ. މި ހަރަކާތްތައް ބަލަހައްޓަނީ މައުންޓަން ރިސޯޓުގެ ރަސްމީ އޮފީހުންނެވެ. އިންތިޒާމުކުރާ ލޮންގް ވޫ ވަނީ، އެކަށީގެންވާ މެޑިކަލް އަދި ލޮޖިސްޓިކަލް އެހީތެރިކަމެއް ނެތި މިފަދަ ކަންކަން ކުރުމާމެދު އާންމުންނަށް އިންޒާރު ދީފައެވެ.

ޒާއޯ ބުނިގޮތުގައި، މުބާރާތުގެ ނަތީޖާ އޭނާގެ އުންމީދުތަކަށްވުރެ މާ ބޮޑަށްވެސް ރަނގަޅުވެފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ސަރވައިވަލް ގޭމްތަކުގައި ބައިވެރިވުމަށް އޭނާ އުއްމީދުކުރެއެވެ.