ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޑާކް ރެއިން އެންޓަޓެއިންމަންޓުން، މި އަހަރު ރިލީޒްކުރާ އެ ކުންފުނީގެ ފަހު ފިލްމު "އަލްވަދާއު" ގެ ރަސްމީ ލަވަ އާންމުކޮށްފިއެވެ. މި ލަވަ އާންމުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، 2025 ވަނަ އަހަރުގެ "ހާޓްބްރޭކް އެންތަމް" ގެ ގޮތުގައި ފާހަގަކުރެވި، ދިވެހި ފިލްމީ ދާއިރާއިން ބޮޑު މަޤްބޫލުކަމެއް ހޯދަމުންދާކަން ފާހަގަކޮށްލެވެއެވެ. މި ލަވައިގެ ހިތްގައިމު ރާގާއި ފުން ޖަޒުބާތީ މާނަތަކުގެ ސަބަބުން މިހާރުވެސް ގިނަ ބައެއްގެ ހިތްތައް ވަނީ ކާމިޔާބުކޮށްފައެވެ.
"އަލްވަދާއު" ގެ ލަވަ ރިލީޒްކުރުމާއެކު، ވަރުގަދަ ޖަޒުބާތުތަކަކާއި ހިތްގައިމު ރާގަކާއެކު، ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ބައެއް ފަރާތްތަކުން ވަނީ "ހިތްދަތިކަމުގެ ހަގީގަތް ސީދާ ހިތާ ރޫހަށް ފޯރުކޮށްދޭ ލޯބީގެ ލަވައެއް" ގެ ގޮތުގައި މި ލަވަ ސިފަކޮށްފައެވެ. މި ލަވައިގެ ފުރަތަމަ ސިކުންތުކޮޅުން ފެށިގެންވެސް، ލޯތްބާއި ދިގު އިންތިޒާރުގެ އިތުރުން ހަނދާންތަކާއި ހިތްދަތިކަން އެކުލެވޭ ލޯބީގެ ދުނިޔެއެއްގެ ތެރެއަށް އަޑުއަހާ މީހާ ގެނެސްދެއެވެ. ލަވައަށް ލިބިފައިވާ ތަރުހީބުގެ ގޮތުގައި ސޯޝަލް މީޑިއާގައި ފޭނުން ކޮށްފައިވާ ކޮމެންޓްތަކުގެ ތެރޭގައި "ގައިން ހީބިހި ނަގާހާ ރީތި"، "ސިނަމެޓިކް ޖަޒުބާތީ ފްލޯ އެއް ގެނެސްދިން"، އަދި "އިތުރަށް އަޑުއަހާވަރަކަށް ލަވަ ރީތިވޭ" މިފަދަ ތަޢުރީފުތައް ހިމެނެއެވެ.
މި ލަވައިގެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހި ފިލްމީ ދާއިރާގެ ގިނަ ތަރިންނާއި ފަންނާނުންގެ ހުނަރެވެ. ޑާކް ރެއިންގެ ފަންނުވެރި މިއުޒިކް ޕްރޮޑަކްޝަނަކާއެކު، ލަވައިގެ މިއުޒިކް ހަދާފައިވަނީ ޑާކް ރެއިން ޕްރޮޑަކްޝަނުންނެވެ. އީސާ ޝަރީފްގެ ހުނަރާއި ފުން މާނަތަކެއް އެކުލެވޭ ޅެންތަކާއި، އަޙްމަދު އިޝާމްގެ ހިތްގައިމު އަޑުން މި ލަވަ ވަނީ އިތުރަށް ފުރިހަމަވެފައެވެ. ލަވައިގެ މިކްސިންގް އެންޑް މާސްޓަރިންގއަކީ ޙުސައިން ތައުފީޤްގެ މަސައްކަތެކެވެ. މި ލަވައިގެ ޕްރޮޑިއުސަރުންނަކީ އައިޝަތު ފުވާދު އަދި މުޙައްމަދު ޢަލީ މޮގަރެވެ. ލަވައިގެ މިއުޒިކް ވީޑިއޯ ޑައިރެކްޓްކޮށްފައިވަނީ ޢަލީ ޝިފާޢުއެވެ.
މި ލަވައިގައި ހިމެނޭ ފަދަ ޖަޒުބާތީ ބަރުދަނެއް ފިލްމުގައި ވެސް ހިމެނިގެންދާކަމީ، 2025 ވަނަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އަލްވަދާއު" ހިމެނޭނެކަމުގެ ޝައްކެއްނެތް ކަމެކެވެ. "އަލްވަދާއު" ގެ ލަވަ ރިލީޒްކުރުމާއެކު، ފިލްމުގެ މުޅި ވާހަކަ ކިޔައިދޭނެ ގޮތުގެ ވަރަށް ވަރުގަދަ އިޝާރާތެއް ލިބިފައިވެއެވެ؛ އެއީ ހިތްގައިމު، ޖަޒުބާތީ އަދި ފެންނަފެނުމަށްވެސް ވަރަށް ފުރިހަމަ ފިލްމެއްކަމުގެ ޔަގީންކަމެވެ.
ލޯބީގެ މި ހިތްދަތި ފިލްމު، ޝަހުދާ މުޙައްމަދު (ޝާހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕޭ) ޑައިރެކްޓްކޮށްފައިވާއިރު، ފިލްމުގެ ސިނަމެޓޯގްރާފަރަކީ ހުނަރުވެރި އެކްޓަރެއްގެ ގޮތުގައި ވެސް ފެނިފައިވާ މުޙައްމަދު ފައިސަލެވެ. އަދި ޓެކްނިކަލް މެނޭޖަރަކީ ޒިފާފެވެ. "އަލްވަދާއު" ގެ މައިގަނޑު ދެ ތަރިންނަކީ މަރިޔަމް މަޖުދާ އާއި ޝަރަފް ޢަބްދުﷲއެވެ. މީގެ އިތުރުން މުޙައްމަދު ރަޝީދު، ޝީލާ ނަޖީބް، އަރަމުން އަންނަ ތަރި އައިޝަތު ލައިޝާ ލަތީފް އަދި މަޒީން ހާޒިފް ފަދަ ތަރިން ސަޕޯޓިން ރޯލްތަކުން ފެނިގެންދާނެއެވެ.
ޑިސެމްބަރު 1 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގެ ސްކްރީނަށް އަންނަ މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު، 9911229 އަށް ގުޅުމުން ޓިކެޓް ގަނެވޭނެއެވެ.
