ހަށިވިއްކަނިކޮށް، ސްޕާއެއްގެ ތެރެއިން ދިވެއްސަކާއި ތައިލެންޑުގެ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ "ޕީސް ސެލޫން އެންޑް ސްޕާ" ބަލައިފާސްކޮށް މިދިޔަ ހޯމަ ދުވަހު އެ މީހުން ހައްޔަރުކުރީ ފައިސާގެ މުގާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި / ރިވެލި، މުހައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރކުރުމުން ދިވެހި މީހާގެ ބަންދަށް ފަސް ދުވަސް، ޖުންޕެން އާއި ސުޕަވަޑީގެ ބަންދަށް ތިން ދުވަސް އަދި ޕަޓްޗަރިދާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.  

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.