މިހާރު ޕްރެމިއާ ކުރުމަށް ތައްޔާރުވަމުންދާ ދިވެހި ފިލްމު ލިލީ އޮލިމްޕަހުގައި ޕްރެމިއާ ކުރުމަށް ކުޑަތަން ވެއްޖެއެވެ.
މާދަމާ ރޭ 8:30 ގައި އޮލިމްޕަސްއަށް އަންނަ ލިލީ، އެ ސިނަމާގައި ދިހަ ދުވަހަށް އަޅުވާނެއެވެ. އެހެންކަމުން މިހާރުވެސް ޑިމާންޑު ބޮޑު ޓިކެޓުތައް ލިބޭނީ އަވަހަށް އެކަމާ އުޅެގެންނެވެ.
އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭ މި ފިލްމަކީ ބަލާލަން ރަނގަޅު ފިލްމެކެެވެ. މި ފިލްމުގެ ޕްރެމިއާ ޝޯގެ ދައުވަތު ވެސް ދީފައިވަނީ ވަރަށް ތަފާތުގޮތަކަށް މީރު ދުފުމަކާ އެކު ރީތި ފަރުމާއަކުން ހަދާފައިވާ ފޮއްޓެއްގަ އެވެ.
ލިލީ ފިލްމުގެ ޓިކެޓް 7505079 އަށް ވައިބާކޮށްގެން ނުވަތަ https://book.lilythemovie.com އަށް ޒިޔާރަތްކޮށްގެން ނެގޭނެއެވެ.
މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަޒްހާން އިބްރާހީމް އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލާމު އަތޮޅުގެ އެކި ރަށްރަށުގަ އެވެ.
ލިލީ އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެކެވެ މި ފިލްމަކީ ހިންނަވަރުގައި އުޅޭ ލިލީ ނަަމަކަށް ކިޔާ އަންހެނަކަށް ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ ފީޗާއެކެވެ. ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންނަކީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގެވެ.
