މިއަދުގެ ހުކުރު ހުތުބާ އަމާޒުކޮށްފައިވަނީ ނަމާދުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ނަމާދު އެޅުމުގެ ނުބައިކަމުގެ މައްޗަށެވެ. އެގޮތުން ނަމާދުގެ ވަގުތުޖެހުމުން ނަމާދު ކުރުމަށް އަވަސްވެގަތުމަށާއި، ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބު ލިބެން އޮތީ ނަމާދުތަކަށް ފަރުވާތެރިވެގެންކަން ބަޔާންކޮށްފައިވެއެވެ.
ނަމާދަކީ ކޮންމެ މުސްލިމަކަށް ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ. އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މާތް ﷲ އަށް އީމާންވުމާއެކު، ނަމާދުކުރުމާއި، ރޯދަހިފުމާއި، ޒަކާތްދިނުމާއި ހައްޖުވުން މުސްލިމުންނަށްވަނީ އަމުރު ކުރައްވާފައެވެ. އަދި އެހުރިހާކަމެއް ފުރިހަމަކުރާނަމަ، އެމީހަކީ ސުވަރުގެ ވަންތަވެރިއެއްކަމަށް ސުންނަތުން ޘާބިތުވެއެވެ. ނަމަވެސް އެއީ ތެދުވެރި ހިތަކާއިގެން އިސްލާމްކަމުގެ ރުކުންތަކުގެ މަޤާމު ދެނެގަނެ، މަތިވެރިކަން ހަނދާންކޮށް އެ ރުކުންތަކުގެ މައްޗަށް ދުނިޔެވީ ހުރިހާ ކަމެއް އިސްކޮށްގެން އެ ޢަމަލުތަކުގެ މަތީގައި ދެމިތިބޭނަމައެވެ.
ނަމަވެސް، އަދުގެ މި ދިވެހި މުޖުތަމަޢުއިން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ނަމާދުގެ ވަގުތު ނިމިގެންދާއިރުވެސް، ގިނަ ޒުވާނުން ތިބެނީ ކެފޭތަކުގައި ކޮފީތަކުގައެވެ. ކުޅިވަރު ދަނޑުތަކުގައެވެ. ދުނިޔެވީ ކޮންމެވެސް އެހެންކަމެއްގައި ޝާމިލުވެގެންނެވެ. އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ފަލާޙާއި ކާމިޔާބަށް ދުވާލަކު 5 ފަހަރު ގޮވާލާއިރު، އެކަމަށް އިޖާބަދޭ މީހުންދަނީ މަދުވަމުންނެވެ. އެކަން ފަތިސް ނަމާދުގެ ޖަމާޢަތުން ފެންނާނެއެވެ. ގިނަ މިސްކިތްތަކުގައި އެއް ސަފުވެސް ފުރެނީ މަދު ފަހަރެއްގައެވެ.
މިހެން ދިމާވަނީ ކީއްވެ ހެއްޔެވެ؟ ނަމާދު ކުރަން ޖެހޭކަން އެނގެއެވެ. ނަމާދު އެޅުމަކީ ވަރަށް ނުބައިކަމެއްކަންވެސް އެނގެއެވެ. ނަމަވެސް، ކަންކަން ތަރުތީބުވެފައި ހުންނަ ގޮތުން ނަމާދުގެ ވަގުތަށް މާބޮޑު ސަމާލުކަމެއް ނުދެވެނީއެވެ. މިސާލަކަށް ސުކޫލުގެ ގަޑިތައް ހުންނަ ގޮތުން ސުކޫލު ކުދިންނަށް ޖަމާއަތަށް މިސްކިތަށް އެރުން އޮންނަނީ އުނދަގޫ ކަމަކަށްވެފައެވެ. ތަފާތު ކުޅިވަރު ހަރަކާތްތައް ރާވާ އިންތިޒާމުކުރާއިރު ނަމާދު ގަޑިތަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެއަށްވުރެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކީ، އެއްވެސް މުހިންމުކަމެއްނެތި ކޮފީތަކުގައި ވަގުތު ހޭދަކުރާއިރު ނަމާދު ވަގުތު ނިމިގެންދާއިރުވެސް މިސްކިތަށް ދިޔުމުގެ ޚިޔާލު ނައުމެވެ. ދަތުރު ރާވާއިރު ހުކުރު އެޅޭ ގޮތަށް ގިނަ ބަޔަކު ދަތުރުދާ ކަމީވެސް ފެންނަން އޮތް ހަގީގަތެކެވެ. އަދި ދަތުރެއްމަތީގައި، ނުވަތަ ބަލިވުމުން ނަމާދަށް ފަރުވާ ކުޑަކުރެވުމާއި، ނަމާދު އެޅުންވެސް އަހަރުމެންގެ ތެރޭގައި އޮންނަނީ އާދައިގެ ކަމަކަށްވެފައެވެ. އެކަންކަމުގައި އޮންނަ ލުއި ފަސޭހަކަމުގައި ހިފުމުގެ ބަދަލުގައި އެކަށް ދޫކޮށްލެވެނީއެވެ.
މިއީ މިއަދު ވިސްނާލަންޖެހޭ ކަމެކެވެ. އެކަމާ ފުންކޮށް ވިސްނާ، ގޯސްކޮށް މިހާރު އެކަން ދާނަމަ، ރަނގަޅުކޮށްލަން މިއަދު މިއޮތީ ފުރުޞަތެކެވެ. އެއްވެސް މީހެއްގެ މަރުގެ ވަގުތެއް ނޭނގޭނެއެވެ. މިއަދުވެސް މަރުވެދާނެއެވެ. ހިސާބު ބެއްލެވޭ ދުވަހު ފުރަތަމަވެސް ހިސާބު ބެއްލެވޭނީ ނަމާދާމެދުކަމަށްވާއިރު، އެކަމަށް ފަރުވާކުޑަ ކުރެވިއްޖެނަމަ، އަހަރުމެންނަށް އާޚިރަތް ގެއްލުނީއެވެ.
