އުތުރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި 13 ފަޅާއި ފަރު ހިމެނޭހެން ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓްއިން ގެޒެޓް ކޮށްފައިވާ ގޮތުގައި ފަޅާއި ފަރު ހިމެނޭހެން އެ ތަންތަނުގައި ފަތުރުވެރިކަން ތަރައްޤީކޮށް ހިންގާނެ ފަރާތްތަކަށްވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ހުޅުވާލާފައިވަނީ ހއ އަތޮޅުގެ މާދުނިފަރާއި، ކެލާ ފަޅާއި، ހދ. އަތޮޅުގެ މަކުނުދޫ ފަރާއި، މާފަރު ފަރާއި، ށ. އަތޮޅުގެ ގޮނާ ފަރު ހިމެނޭ ސަރަހައްދުތަކެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހު އަދި 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 3 ފެބުރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އެ ވުޒާރާއަށް ދުރުވެ ބީލަން ހުށަހަޅަންޖެހޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ފަތުރުވެރިކަމަށް 53 އަހަރުވީއިރު، އެ ސިނާއަތުން އުތުރުގެ އަތޮޅުތަކަށް މިވީހާތަނަށް މާބޮޑު ފައިދާއެއް ކޮށްފައެއްނުވެއެވެ. ނަމަވެސް، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް، އައު ޓާމިނަލްއާއި ރަންވޭ މިހާރު ބޭނުންކުރަން ފަށާފައިވާއިރު، ސަރުކާރުން އަންނަނީ އުތުރުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ހުއްޓިފައިވާ ނާގޯށި ޕްރޮޖެކްޓް އަވަސްކުރުމަށް މިހާރު މަސައްކަތްކުރަމުން އަންނައިރު، ރިސޯޓުތައް ހެދުމަށް މީގެ ކުރިން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތްތައްވެސް ހަލުވި ކުރުމުގެ ކަންކަން މިހާރުދަނީ ކުރަމުންނެވެ.
